ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސޮއި ހަމަކޮށްފައިވާ ކަމަށް ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެ މައްސަލަ މާދަމާ، މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

Ad
rt

އެ އިއްތިހާދުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަޒުލް ކުރުމަށް ވެސް ސޮއި ހަމަކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

މިފަދައިން އެ އިއްތިހާދުން ބުނިއިރު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަަ މި މަހުގެ 11 ވަނަ ދުވަހު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ޗާގޯސް މައްސަލައިގައި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހައި މަސައްކަތެއް ކުރާނެ ކަމަށާއި އެއްވެސް ދުލެއް ނުދޭނެ ކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ. އަދި މި ސަރުކާރު ބަދަލުވުމުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެއެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށު އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

މިކަމާ ގުޅިގެން އެ އިއްތިހާދުން ބުނީ ރާއްޖެއަށް ގެއްލިގެން ދިޔައީ ރާއްޖޭގެ މަސްވެރިން ނަފާ ހޯދަމުން ދިޔަ ކަނޑުގެ ސަރަަހައްދެއް ކަމުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައީސް ސާލިހް ގައުމަށް ޚިޔާނާތްތެރިވެއްޖެ ކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ.

އެހެންނަމަވެސް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުން، ސަރުކާރުން ބުނަމުން އަންނަނީ މިއީ ލިބުނު ވަރަށްބޮޑު ކާމިޔާބެއް ކަމަށެވެ.