ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވެ، ބަސް ބުނާނެ ދިވެހިން އަބަދުވެސް ތިބޭނެކަމަށާއި، ފެންނަމުން ދަނީ އެ މަންޒަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ.

Ad
rt

މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އެކަމަށް އިޝާރާތްކުރައްވައި، އެ ނޫސްވެރިންގެ ބައްދަލުވުމުގެ ފޮޓޯއާއެކު އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި އަދުރޭ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ ވިދާޅުވީ، ސިޔާސީ ޚިޔާލު ތަފާތުވުމަކީ ގައުމީ ވިސްނުން ތަފާތުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ ޙައްގުގައި ތެދުވާނެ އަދި ބަސް ބުނާނެ ދިވެހިން އަބަދުވެސް ތިބޭނެ ކަމަށާއި، މި ފެންނަނީ އެ މަންޒަރުކަމަށް ވިދާޅުވިއެވެ.

''ގައުމީ ވިސްނުން އިސްކުރެއްވި ހުރިހައި ލީޑަރުންނަށް ޚާއްޞަކޮށް މިކަމުގައި އިސްނެއްގެވީތީ ރައީސްޔާމީނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ'' އަދުރޭ ވިދާޅުވެފަވެއެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް އިއްތިހާދެއް އުފައްދާފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ލީޑްކުރައްވާ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި، އެމްއެންޕީއާއި ޖުމްހޫރީގެ ޕާޓީއާއި، ކުރީގެ އެޓާނީ ޖެނެރަލް މުޙައްމަދު މުނައްވަރާއި އަދި މިނޫންވެސް ބައެއް ސިޔާސީ ފަރާތްތައް ހިމެނޭގޮތަށެވެ.

މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެ، އެގޮތަށް ނިންމާފައެވެ.