ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު މިއަދު ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ޓީއެފްޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ޚިދުމަތްދޭ ތަންތަން ބައްލަވާލައްވައި، އެތަންތަނުން ލިބޭ ޚިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.
މި ސެންޓަރުގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިންގ ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރެޕީ ރޫމެއް ހިމެނޭއިރު، އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްޞަ ޗޭންޖިން ރޫމާއި، "އައިސް ބާތު" އަދި "ސްޓީމް ރޫމް" ތައް މި ސެންޓަރުގައި ހިމެނެއެވެ.
މީގެ އިތުރުން ކުޅިވަރުގެ ތެރެއިން އެތްލީޓުންނަށް ލިބޭ އަނިޔާތައް އަވަހަށް ފަސޭހަކުރުމަށް ޚާއްޞަކޮށް "ހީލަރ" ރޫމެއްވެސް މި ސެންޓަރުގައި ހިމެނެއެވެ.
ޓީއެފްޖީގެ މި ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ ޖުމްލަ 200 މީހުންނަށް ޚިދުމަތް ފޯރުކޯށްދެވޭއިރު، މި ސެންޓަރުގައި "ޖިމް އެންޑް ކެރީ"ގެ ނަމުގައި 42 ގޮނޑީގެ ޖާގައިގެ ކެފޭއެއްވެސް ހުރެއެވެ.
ޓީއެފްޖީ ފުރަތަމަ ފިޓްނަސް އިންޑަސްޓްރީގައި ޙަރަކާތްތެރިވާން ފަށާފައި ވަނީ މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!