އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި އެކަމަނާ ވިދާޅުވީ ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިޙްސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާޙައުލުގައާއި މުޅި މުޖުތަމަޢުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރުން ވިދާޅުވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާއި މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އެކަން ފެންނާނެކަމަށް ވެސް ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ކަންކަމުގައި ކުދިން ޝާމިލު ކުރުން އެކަމަނާއަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުން ކަމަށެވެ.

"މިސާލަކަށް ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ޤަވައިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ޤަވައިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުޞަތު ބޮޑުވާނެ. މިފަދަ ކަންކަމުން ކުދިންނަކީ މުހިންމު ބައެއް ކަމާއި އެކުދިންނަށް ބޮޑެތި މީހުން އިތުބާރުކޮށް އިޙްތިރާމްކުރާކަން އެނގިގެންދާނެ." ފަޒުނާ ވިދާޅުވިއެވެ.

އެކަމަނާ މެސެޖުގައި ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއި އެކު ޒިންމާތަކެއް ވާކަން ތަކުރާރުކޮށް ހަނދާންކޮށް ދެއްވައި، ވިދާޅުވީ ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމަށެވެ.

ހަމަ އެފަދައިން ރަނގަޅު ތަޢުލީމެއް ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު، ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި ވެސް އެކަމަނާ ސިފަކުރެއްވިއެވެ.