ރައްޔިތުންނަށް ލުއި ގޮތް ހޯދާދިނުމުގެ މަސައްކަތުގައި ދެމިހުންނަވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓައާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން ހޯލްސޭލް ރޭޓުގައި 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. އެ ގާނޫނު ތަންފީޒު ކުރަން ފެށުމާއެކު ރައްޔިތުން އާންމު ވިޔަފާރިތަކުން ޚިދުމަތް ހޯދާއިރު ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ޚިދުމަތް ދޭތަންތަނަށް ދައްކަން ޖެހެއެވެ. މިކަމުގެ ސަބަބުން އާންމުންނަށް ތަކުލީފަކަށްވެ އަންނަނީ ޝަކުވާ ބަންޑުން ކުރަމުންނެވެ.
އެހެންވެ، އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި އެމްއެންޕީން އިއްޔެ ވަނީ މާލޭގައި ފޮތިކޮތަޅު ބަހާފައެވެ. މިކަމަށްޓަކައި އިއްޔެ ހަވީރު މާލެ ސިޓީގައި އެ ޕާޓީން ވަނީ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ ރައީސް ނާޒިމެވެ.
މިއަދު ހަވީރު އެމްއެންޕީގެ ފަރާތުން މާލެ ސިޓީގައި ފޮތިކޮތަޅު ތައާރަފްކޮށް އަދި ބެހުމަށް ބޭއްވި އިވެންޓުގެ ތެރެއިން#Nazim2023 pic.twitter.com/m7rWHS5iz6
— Maldives National Party (@MNP_Secretariat) May 9, 2023
މި ހަރަކާތާއިގުޅުވައި ނާޒިމް ދެއްވި މެސެޖެއްގައި ވިދާޅުވީ، ރައްޔިތުންނަށް ޖެހިފައި މިވާ ތަކުލީފަށް ލުޔެއް ހޯދާ ދިނުމުގައި އޭނާ ބައިވެރިވާކަމަށެވެ. އަދި އެ ޕާޓީން ފޮތިކޮތަޅު ތައާރަފްކޮށް ބަހަންފަށަން ޖެހުނު ސަބަބަކީ ރައްޔިތުންނަށް ''ސަރުކާރުން ޖައްސާފައިމިވާ ތަކުލީފަށް'' ލުޔެއް ދިނުމައްޓަކާ ކަމަށް ވެސް ވިދާޅުވިއެވެ.
ކުރިޔަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ޖެހޭ މިފަދަ ބުރަތަކުގައި އޭނާ ރައްޔިތުންނާއި އެކު ރައްޔިތުންނަށް ލުއި ގޮތް ހޯދާދިނުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވެސް ނާޒިމްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
އެމްއެންޕީން ބުނިގޮތުގައި އިއްޔެ އެ ޕާޓީން ފެށި މި ހަރަކާތަށް އާންމު ރައްޔިތުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
ޕްލާސްޓިކް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނުޖެހޭ ގޮތަށް ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މިހާރު ވަނީ އިސްލާޙް ހުށަހަޅާފައެވެ. ނަމަވެސް މިދިޔަ ދައުރު މަޖިލިސް ޗުއްޓީއަށް ދިޔައިރު އެ އިސްލާހާމެދު ގޮތެއް ނިންމިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!