އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޢިލްމްވެރިންގެ ގުޅުމާ ބައްދަލުކޮށްފިއެވެ.

އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ބަޔެއް ގެއްލޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުންނާއި، އެހެން ބަޔެއް ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ.

Ad
rt

އިދިކޮޅު ވަގުތީ ލީޑަރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޓްލޮސްގެ އެ ނިންމުމާއިގުޅިގެން އެ ކޯލިޝަނުން ޢިލްމްވެރިންގެ ގުޅުމާއި ބައްދަލުކޮށް މަޝްވަރާކޮށްފަވާކަމަށެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. އިދިކޮޅު ކޯލިޝަނުން މި މައްސަލާގައި މީގެކުރިން ވަނީ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދާއި ވެސް ބައްދަލުކޮށްފައެވެ.

މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެ، އެގޮތަށް ނިންމާފައެވެ.