ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގަތުމުން އެ ދެކަނބަލުނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ، ނައިބު ރައީސް ފައިޞަލް ނަސީމާއި، ދިފާޢީ ވަޒީރު މާރިޔާ އަޙްމަަދު ދީދީއެވެ.
ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ މިދަތުރުފުޅަކީ، އިގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލް އޮތީ މި މެއިމަހުގެ 6 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަރ އެބީގައެވެ. މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނޭހެން 2200 އަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާ އަދި ސަތޭކައެއްހާ ޤައުމުތަކުން އެޤައުމުތަކުގެ އިސްވެރިން ވެސް ހިމެނެއެވެ.
ރައީސް މެއި 3 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި މެއި 5 ވަނަ ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮމަންވެލްތު ލީޑަރސް އިވެންޓު މި ބާއްވާފައި ވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔަރ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔަރ އޮފް ޕީސް އަދި ވަކިން ޚާއްޞަގޮތެއްގައި ކޮމަންވެލްތުގެ އާވެރިޔާ ތަޙުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާޞަބުވާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!