ކޭ-ޕާކް އިން ފްލެޓު ގަނެގެން ގެއްލުންވި މީހުން ފުލުހުންނަށް އެންގުމަށް އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓު، ހަންބޯ ކޮމްޕެނީން އޮޅުވާލައިގެން ފްލެޓު ވިއްކި މައްސަލައިގަ ގެއްލުންވި މީހުން އެ އިދާރާއަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.

Ad
rt

އެ ބަޔާނުގައި ވަނީ ކޭ-ޕާކްގެ އެޕާޓްމަންޓުތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި އެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެންގުމަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.

ކޭ-ޕާކު ފްލެޓުތަކަކީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާއި ހަވާލުކޮށްގެން އާބަންކޯއިން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ 2016 ވަނަ އަހަރު އެވެ.

އެހެންނަމަވެސް ހަންބޯ ޓެކްގެ ލޯކަލް އެޖެންޓު، ހަންބޯ ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ވަނީ މައި ހިއްސާދާރު، ޖިން އަށް ނޭނގި އެޕާޓްމެންޓުތަކެއް ވިއްކައި އެ ފައިސާ އަމިއްލައަށް ބޭނުންކޮށްފައެވެ.

އެކަމުގައި ޖިން ތުހުމަތުކޮށްފައިވާ ގޮތުގައި މި މުއާމަލާތްތައް ހިންގުމަށް މަންޑޭ ބޭނުންކޮށްފައިވަނީ އޭނާގެ ފޯޖު ކޮށްފައިވާ ސޮއި އެކެވެ.

ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށާއި އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށްވެސް ތުހުމަތު ކުރެ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މަންޑޭގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.