ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
މިކަމަށްޓަކައި ފ. ނިލަންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރައިމަރީ ހެލްތް ކެއަރ ރެޖިސްޓްރީ އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.
ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލްގެ 27ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ފެށި މަސައްކަތުގެ ދަށުން ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތްދިނުމުގައި ޢަމަލު ކުރުމަށް މިހާރުވަނީ އައު "ކެއަރ ޕާތްވޭ" އެއް އެކުލަވާލާފައެވެ.
މި "ކެއަރ ޕާތްވޭ" އާއި އެއްގޮތަށް 06 މޭ 2023ން ފެށިގެން ފ. އަތޮޅުގެޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ޚިދުމަތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައިކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ ނިޒާމް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
ޕްރައިމަރީ ހެލްތުގެ ނިޒާމަކީ ޞިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޞިއްޙީ މަޢުލޫމާތު ދިނުމާ ތިމާގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމާ، މީހާގެ ޞިއްޙީ ޙާލަތާ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް، އެމީހަކަށް ނުވަތަ އެ މުޖްތަމަޢުއަކަށް އެންމެ އެކަށީގެންވާގޮތަށް ފަރުވާ އާއި އެހެނިހެން ޚިދުމަތްތައް އިންތިޒާމުކުރެވިގެންދާ ނިޒާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!