ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި އިވެންޓު ބާއްވާފައިވަނި ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ، މާލްބޮރޯ ހައުސްގަ އެވެ.

Ad
rt

މި އިވެންޓު ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔަރ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔަރ އޮފް ޕީސް އަދި ވަކިން ޚާއްޞަގޮތެއްގައި ކޮމަންވެލްތުގެ އާވެރިޔާ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާޞަބުވާ ގޮތަށެވެ.

މިފަހަރުގެ ކޮމަންވެލްތު ލީޑަރސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނަ އިނގިރޭސި ތަޙުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުޙަބާ ވިދާޅުވުމަށް ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.

ކޮމަންވެލްތުގެ ޤައުމުތަކުން ހިފަހައްޓާ ހަމަތަކާއި ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަޤްބަލާއި ބެހޭގޮތުން ކޮމަންވެލްތުގެ ލީޑަރުން މި އިވެންޓުގައި ވާހަކަ ދައްކަވާފައިވާއިރު، މި އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޞުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުޞަތުތަކާއި ބެހޭގޮތުންނެވެ.

މި އިވެންޓަށްފަހު ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްޞީލުކުރައްވާ މަންދޫބުން ވަނީ ހިޒް މެޖިސްޓީ ޗާލްސް ތިންވަނަ އާއިއެކު ރަސްމީފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ސާލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.