ކޭވައިއެސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އެއްވަނަ އަޝްފާ އަށް

ކޭވައިއެސް ރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުން 1 ވަނަ ހޯދި އަޝްފާ،
ކޭވައިއެސް ރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުން 1 ވަނަ ހޯދި އަޝްފާ،

ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް އަޝްފާ އަސްލަމް ކާމިޔާބު ކޮށްފިއެވެ.

ފާއިތުވި ރަމަޟާން މަހު ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ކުމުންދޫ ޔޫތު ސްޕޯޓްސް ރަންތަރި ޤުރުއާން މުބާރާތް 1444" އާއި "ކުމުންދޫ ޔޫތު ސްޕޯޓްސް މަދަހަ މުބާރާތް 1444" ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މި ހަފްތާ ހޯމަ ދުވަހުގެ ހަވީރު ވަނީ ބާއްވާފައެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރ ޑރ. މުޙައްމަދު އުމަރެވެ.

ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ކުމުންދޫގެ ރަންތަރިއަކަށް ހޮވިފައި ވަނީ އެ ރަށު އަލިވާގޭ އަޝްފާ އަސްލަމެވެ. މިއީ އަޝްފާ މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ވެސް އޭނާއެވެ. މުޅި މުބާރާތުން ދެވަނަ ހޯދާފައި ވަނީ އައިޝަތު ރާޔާ މުޙައްމަދެވެ. މުޅި މުބާރާތުން ތިންވަނަ ހޯދީ އަޙްމަދު މިރާޙް ހުސައިން އެވެ. މިއީ ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން މި ޤުރުއާން މުބާރާތް ބެއްވި ތިންވަނަ ފަހަރެވެ.

މަދަހަ މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ވެސް އަޝްފާ އަސްލަމެވެ. ދެވަނަ ފާތިމަތު ސުހާނާ ހޯދިއިރު ތިންވަނަ ހޯދާފައި ވަނީ ތާހިރާ މުޙައްމަދެވެ. މިއީ ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން މި މަދަހަ މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ.

މި އަހަރު ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެ އުމުރުފުރާތަކަކީ 5 އަހަރުން ދަށް، 8 އަހަރުން ދަށް، 12 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ އުމުރު ފުރާއެވެ.

ޤުރުއާން މުބާރާތުގެ ފަސް އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ހޯދީ ސިނާޔާ މިދުހަތު ޝަރީފެވެ. އަށް އަހަރުން ދަށުގެ އުމުރު ފުރާގެ ބަލައިގެން ކިޔެވުމުގެ ގޮފީގެ އެއްވަނަ އާމިނަތު ރާޔާ ހުސައިން ރަމީޒް ހޯދިއިރު، މި އުމުރުފުރާގެ ނުބަލާ ކިޔުމުގެ ގޮފީގެ އެއްވަނަ ހޯދީ މަރިޔަމް ޒީން އިސްމާއީލް އެވެ. ބާރަ އަހަރުން ދަށުގެ އުމުރުފުރާގެ ބަލައިގެން ކިޔުމުގެ ގޮފީގެ އެއްވަނަ އާއިޝަތު އީޝަލް އިބްރާހީމް ހޯދިއިރު، ނުބަލާ ކިޔުމުގެ ގޮފީގެ އެއްވަނަ ހޯދީ އަޙްމަދު މިރާޙް ހުސައިންއެވެ. ސޯޅަ އަހަރުން ދަށުގެ އެއްވަނަ ހޯދީ އަޝްފާ އަސްލަމެވެ.

މަދަހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެ އުމުރުފުރާތަކަކީ 5 އަހަރުން ދަށް، 8 އަހަރުން ދަށް، 12 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ އުމުރު ފުރާއެވެ.

މަދަހަ މުބާރާތުގެ ފަސް އަހަރުން ދަށުގެ އެއްވަނަ ހޯދީ މުޙައްމަދު ޔާއިސް ޔޫސުފެވެ. އަށް އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ އައިމިނަތު ރަނާ ހުސައިން ރަމީޒް ހޯދިއިރު، ބާރަ އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ހޯދީ ފާތިމަތު ސުހާނާއެވެ. ސޯޅަ އަހަރުން ދަށުގެ އެއްވަނަ ހޯދީ އަޝްފާ އަސްލަމެވެ.

މި މުބާރާތްތައް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ދަރިވަރުންގެ މެދުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި އެ ރަށުގައި ދީނީ ވެއްޓެއް ޤާއިމް ކުރުމެވެ.

މި ދެ މުބާރާތް ކުރިއަށް ގެންދިޔުމުގައި އިސްލާމިކް މިނިސްޓްރީއާއި މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީއާއި ކުމުންދޫ ކައުންސިލާއި އެ ރަށު ޑަބްލިއުޑީސީން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ދެ މުބާރާތް އަންނަ އަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި