ކުރީގެ އަދަދާއިގުޅޭ،

" އަހަރެން އަބަދުވެސް މަންމައާ ބައްޕައަށް ޤަދަރުކުރަން! އިޙްތިރާމްކުރަން! އެކަމަކު މަންމަ ތި ދައްކާ ވާހަކަތަކުން އަހަންނަށް ވަރަށް އަސަރުކޮށްފި! މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! މަންމަމެން ވިސްނީ އަހަންނާމެދުއެއް ނޫން! އެދުވަހު މަންމަމެން ވިސްނީ ހަމައެކަނި ނޫޙުއަށް! އެންމެ ރަނގަޅު! އަހަރެން ސުވާލެއްކޮށްލަންތަ؟ އެގޮތަށް ކަންތައް ކުރީމަ، ނޫޙުގެ ބައްޕަގެ ލޯބި ނޫޙުއަށް ލިބުނުތަ؟ ނޫޙުއަށް އެކަމުގެ ސަބަބުން ލިބުނީ ކޮން އުފަލެއްތަ މަންމާ؟ ނޫޙުއަށް އެދުވަހުން ފެށިގެން މިއަދާ ހަމައަށް މަންމަމެން ތިބުނާ ލޯބި ލިބުނު ނަމަ މިއަދު އެ ތުއްތު ކުއްޖާ އަހަންނަށް އެ ސުވާލުތަކެއް ނުކުރީސް! ބައްޕައެއް ނުހޯދީސް.."

Ad
rt

އެންމެ ފަހު ޖުމްލަ އޭނާ ބޭރުކޮށްލީ ފުން ނަޒަރަކުން ޒައިންއަށް ބަލާލަމުންނެވެ. އެއާއެކު ޒައިންއަށް ހިންދިރުވާލެވުނެވެ.

" މި ގޭތެރެއިން ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވާ މަންޒަރެއް ނޫން މިއަދު މިފެނުނީ.. އަހަންނަށް ހީވަނީ ކުރިއަށް އޮތްތަނުގަ މިކަހަލަ ކަންތައްތައް އިތުރުވާނެހެން.. އެހެންވެ ދެން އެންމެ ރަނގަޅުވާނީ އަހަރެން މިގެއިން ދިޔައްޔާ! "

ދެންވެސް ވާހަކަ ދެއްކީ އުޝާއެވެ.

" ދަރިފުޅަށް ތި ހުއްދައެއް ނުދެވޭނެ! ދަރިފުޅު ގޮސް ވަންނާނީ ކޮންތާކަށް؟ ދެން އިތުރަށް ތި ވާހަކަ ނުދައްކާ! ނަދާއަށް ވިސްނައިދިނުމަކީ ޒައިންގެ ޒިންމާއެއް! "

ފަހުމީ ޒައިންއަށް ބަލާލީ ރުޅިއައިސްފައި ހުރެއެވެ.

" އޭނައަށް ނުވިސްނެނީއެއް ނޫނޭ ބައްޕާ! އެއީ އޭނަގެ ނުލަފާކަން! "

ޒައިންގެ ހިތުގައި އަނދަމުންދާ ރުޅިގަނޑު އަދިވެސް ކޮންޓްރޯލްނުވާކަން އޭނާ ވާހަކަ ދެއްކި ރާގުން އެނގެއެވެ.

" އުޝާއަކަށް އަދި ނުދެވޭނެ! "

ފަހުމީ އުޝާއަށް ބަލާލަމުން ބުނެލިއެވެ. އުޝާއަށް ފަހުމީއާ ދެކޮޅަށް އެއްވެސް އެއްޗެއް މިފަހަރު ބުނާކަށް ނުކެރުނެވެ. އެހެންކަމުން މަޑުމަޑުން އޭނާ ހުރީއެވެ. އިސްޖަހާލައިގެންނެވެ.

" މާނިޙްގެ ދަޢުވަތަށް އަހަރެމެން ނުދިޔައްޔާ އޭނަ ވަރަށް ދެރަވާނެ! އެންމެންވެސް ދާން ޖެހޭނެ! "

ސޯފާއިން ތެދުވަމުން ތަންކޮޅެއް ހަރުކަށިކޮށް ފަހުމީ ބުނެލިއެވެ. އަދި މަޑުކޮށްލުމެއްވެސްނެތި އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

****

" ޒައިން އެކަނިތަ ދަނީ؟ ކޮބާ ނަދާއާ ޒަޔާ؟ "

ކާރަށް އަރަން އައި ޒައިން ފެނި، ހައިރާންވެފައި އަމީރާ އެހިއެވެ.

" އެއީ އެހާ އަވަހަށް ރުޅިގަނޑު މައިތިރިވާ މީހެއް ނޫން.. އަހަރެން ބުނިން ތައްޔާރުވާން! އެކަމަކުވެސް ޒަޔާވެސް ރީތިކޮށްނުލި! "

އަދިވެސް ޒައިން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މީގެ ކުރިން ނަދާ ބޭޒާރު ވެދާނެތީ، ޒައިން އަބަދުވެސް ޖެހޭ މައްސަލަތައް ސިއްރުކުރިއެވެ. އެންމެންގެ ކުރިމަތީގައި ނަދާ ، ރުޅިވެރިކަން ހާމަކުރުމުން ޒައިން ހުރީ ނަދާދެކެ އިންތިހާއަށް ފޫހިވެފައެވެ.

ބާރު ދުވެލީގައި ގޮސް ކާރު މަޑުކޮށްލުމާއެކު އެންމެން ކާރުން ފޭބިއެވެ. ދަރުބާރުގޭގައި އޮތް އެ ޙަފްލާއަށް ވަތް އިރުގައިވެސް އުޝާގެ ހިތް ތެޅެމުންދިޔައެވެ.

" މަރުޙަބާ! "

މާނިޙްގެ ގައިގައި ޖަހާލަމުން ޒައިން ބުނެލިއެވެ. ފަހަރަކު މީހަކު ހިނިތުންވުމާއެކު ސަލާމްކުރަމުން ގޮސް އެންމެ ފަހަތުގައި ހުރީ އުޝާއާ ނޫޙުއެވެ.

" ދަރިފުޅު އަވަހަށް ދައްތައާ ސަލާމްކޮށްލާ!"

ގުދުވެލާފައި އުޝާ ބުނެލިއެވެ. އަދި ނޫޙުލައްވާ ރާދާއާ ސަލާމް ކުރުވިއެވެ.

" ބާއްޖަވެރި ކައިވެންޏަކަށް އެދެން.."

ހިނިތުންވެލަމުން އުޝާ ބުނެލީ ދެމީހުންނަށް ބަލާލަމުންނެވެ. މާނިޙްގެ މޫނުމަތިންވެސް މިރޭ ފެންނަނީ އާދަޔާ ޚިލާފް އުފާވެރިކަމެއްކަން އުޝާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އުޝާގެ ހިތަށް ލިބުނީ ވަރަށް ބޮޑު ހަމަޖެހުމެކެވެ. ދުރުގައި ހުރި މޭޒެއް ކައިރީގައި އިން އަމީރާއާ ދިމާލަށް އުޝާ ހިނގައިގަތީ ހިނިތުންވެހުރެއެވެ. އެއާއެކު ނޫޙު އޭނާގެ އަތުން ދޫކޮށްލުމަށްފަހު އަމީރާއާ ދިމާލަށް ދުއްވައިގަތެވެ.

" ދަރިފުޅާ...." ނޫޙު ދުއްވައިގަތުމުން އޭނާގެ ފަހަތުން ދާންވެގެން އުޝާވެސް ތަންކޮޅެއް ބާރަށް ހިނގައިގަތެވެ. އެއާއެކު ކުރިމަތިން ހުރަސްކޮށްލި މީހެއްގެ ގައިގައި ވަރަށް ބާރަށް އުޝާ ޖެހުނެވެ. ޖެހުނުލެއް ބާރުކަމުން އުޝާ ދިޔައީ އެނބުރިގެންނެވެ.

" އައްދޯތް! "

ވީތަދުން އުޝާއަށް އަމިއްލަ އަތުގައި ފިރުމާވެސް ލެވުނެވެ.

" ސޮރީ..."

ފަަހަތުން އިވުނު އަޑުން، އުޝާއަށް ފަހަތް ބަލާލެވުނީވެސް ހިތްހަމަ ނުޖެހި ހުރެއެވެ. ފަހަތުގައި ހުރީ ޒުވާން ފިރެހެނެކެވެ. މޫނުމައްޗަށް ފައިބާފައިހުރި އިސްތަށިތައް އެއްފަރާތްކޮށްލަމުން އުޝާ ބޯޖަހާލިއެވެ.

" އަހަންނަށްވެސް ތަދުވިއޭ! ސޮރީއޭ ނުބުނާނަންތަ؟ "

ދެފިޔަވަޅެއްވަރު ކުރިއަށް ޖެހިލަމުން އޭނާ ބުންޏެވެ. އެއާއެކު އުޝާއަށް ޖެހިލެވުނީ ފަހަތަށެވެ. އުޝާގެ މޫނުމަތިން ފެންނަމުންދަނީ ބީރައްޓެހިކަމެވެ. ހިނިތުންވެ ހުރި ޒުވާނާ އުޝާއަށް ބަލަމުންދަނީ ޝައުޤުވެރިކަމާއެކުއެވެ.

" ސޮރީ!"

އަވަސް އަވަހަށް އެހެން ބުނެލުމަށްފަހު އުޝާ އެނބުރުނީ އަމީރާ އިން މޭޒާ ދިމާލަށް ދާށެވެ. ނަމަވެސް އޭރު މީހުންތައް ތޮއްޖެހިފައި އޮތުމުގެ ސަބަބުން އޭނާއަކަށް އެމީހުންނެއް ނުފެނުނެވެ.

" ބަޔަކާ އެކުގައިތަ އައިސް ތިއުޅެނީ؟ ކާކު ތި ހޯދަނީ ؟"

އަނެއްކާވެސް އުޝާގެ ކަންފަތުގައި ޖެހުނީ އެ އަޑެވެ. އުޝާއަށް ދެލޯމަރާލެވުނީ އަނެއްކާވެސް އޭނާއާ ވާހަކަ ދައްކަން ޖެހުނީތީއެވެ.

" ގޭ މީހުންނާއެކު މިއައީ! ދަރިފުޅު މި ހޯދަނީ.."

އުޝާ އެހެން ބުނެލީ އެ ޒުވާނާ އުޝާއާމެދު މާ ޝައުޤުވެރިވާހެން އުޝާއަށް ހީވެގެންނެވެ.

" ދަރިފުޅޭ؟ ދަރިޔަކުވެސް ހުރޭތަ؟ ހާދަ ހީނުވެޔޭ އެކަމު..." އުޝާގެ ފަހަތުން އޭނާ ނެއްޓޭކަށް ނޫޅުނެވެ. މަޑުމަޑުން އޭނާވެސް ފަހަތުން އާދެއެވެ. އެހެންކަމުން އުޝާއަށް ހުރީ ނުހަނު އުނދަގޫވެފައެވެ. ކުއްލިއަކަށް އުޝާއަށް ނޫޙު ފެނުމާއެކު ދަރިފުޅާއޭ ކިޔާ ގޮވާލުމަށްފަހު އެދިމާލަށް ހިނގައިގަތެވެ. އުޝާ ދާ މަންޒަރު ބަލަން އޭނާ އެ ހުރި ތަނުގައި ހުރިކަން އުޝާއަށް އެނގުނީ، ނޫޙު ކައިރީ އިށީނުމަށްފަހު އުޝާއަށް އެދިމާލަށް ބަލާލެވުމުންނެވެ. އޭނާ އުޝާއަށް ބަލަން ހުރިތަން ފެނުމުން އަވަސް އަވަހަށް އުޝާ ނޫޙުއާ ވާހަކަ ދައްކަން ފެށިއެވެ. އޭރު ޒައިންވެސް އިނީ ނޫޙު ގާތުއެވެ. ނަމަވެސް އުޝާ، ޒައިންއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

ކައި އަވަދި ވެގެން، އުޝާމެން އެތަނުން ނިކުތެވެ. އަދި ކާރެއް އަންނާނެ އިރަކަށް މަޑުކޮށްގެން ތިބީ ދަރުބާރުގޭގެ ގޯތިތެރޭގައެވެ.

" އައްސަލާމް ޢަލައިކުމް ފަހުމީ!"

ކުއްލިއަކަށް އުޝާއާ އަމީރާގެ އިތުރުން ޒައިންއަށްވެސް ފަހަތް ބަލާލެވުނީ ބަރުބޮޑު އަޑަކުން ފަހުމީއަށް ގޮވާލުމުންނެވެ.

" ވަޢަލައިކުމް ސަލާމް! އަނހަ ޝަމީލް!؟ ހާދަ ދުވަހެއް ފަހުގައޭ މި ދިމާވީ؟ "

ވީ އުފަލުން ފަހުމީއަށް ޝަމީލްގެ ގައިގައި ޖަހާލެވުނެވެ.

" ބަލާބަލަ އަހަރެމެންނަށް އައިސްފަ ހުރި ބަދަލުތައް! ކަލޭ ބޮލުގަ އަދި އިސްތަށި އެބަހުއްޓެއްނު! މަ ބޮލުގަ ނެތް އެންމެ ފަތްކޮޅެއްވެސް! ކަލެއަށް މަގޭ އެނގުނީތީވެސް އުފާވެއްޖެ! "

ޝަމީލް ވާހަކަ ދައްކަމުން ދިޔައިރުގައިވެސް ފަހުމީގެ އަތުން ދުލެއް ނުކުރިއެވެ.

" ތި އަޑެއް ނޯޅޭނެއެއްނު! ވަރަށް އުފާވެއްޖެ އިނގޭ! ހަމަ ވަރަށް އުފާވެއްޖެ ދިމާވީތީ.. އަމީ! މިހުރީ އަހަރެންގެ ވަރަށް ގާތް އެކަމު ގެއްލިފައިވީ ރައްޓެއްސެއް! ވަރަށް ކުރިން އެއަރޕޯޓުގަ އެކުގައި މަސައްކަތްކުރީ.. ޒަމާން ގަނޑަކަށްފަހު މި ބައްދަލްވީ! "

އަމީރާއަށް ޝަމީލް ތަޢާރަފްކޮށްދިނުމާއެކު އަމީރާވެސް ފުޅާ ހިނިތުންވުމަކުން ހީލިއެވެ.

" މީ މަގޭ އަންހެނުން.. ދެން މިތިބީ ދެކުދިން.. "

ފަހުމީ އެހެން ބުނުމާއެކު ޖާބިރު ޖީބަށް އަތްޖަހާލަމުން ހީލިއެވެ.

" ދެތިން އަހަރު ވެއްޖެ އަންހެނުން ނިޔާވިފަހުން.. "

ޖާބިރު ބުނެލީ މަޑުމަޑުންނެވެ. އެންމެންގެ މޫނުމަތިން ހިތާމައިގެ ކުލަވަރު އޭނާއަށް ފެނުމާއެކު ހިނިތުންވެލަމުން އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"މަގޭ ދަރިފުޅުވީ ކާރު ނަގަން ގޮސް.. މިތަނަށް އަންނާނެ އިރުކޮޅަކުން.. ކާރެއް ލިބިއްޖެތަ؟ "

ގާތްގޮތަކަށް ޖާބިރު އަހާލިއެވެ.

" ކާރެއް ނުލިބިގެން މިތިބެނީ.. "

ފަހުމީ އެހެން ބުނުމާއެކު އޭނާ އަވަސް އަވަހަށް ޖީބުން ފޯނު ނެގުމަށްފަހު މީހަކަށް ގުޅާލިއެވެ.

" ދަރިފުޅާ! ކޮބާ؟ ތަންކޮޅެއް އަވަހަށް އާދޭ އިނގޭ!"

ފޯނު ކަނޑާލުމަށްފަހު އަނެއްކާވެސް ޖާބިރު ފަހުމީއާ ވާހަކަ ދެއްކިއެވެ.

" އެ މަޑުކުރަނީ އަހަރެމެންގެ ކާރު! ހިނގާބަލަ އެދިމާލަށް ދާން..."

މަގުގައި މަޑުކޮށްލި ކަޅުކުލައިގެ ބޮޑު ކާރަކާ ދިމާލަށް ޖާބިރު ހިނގައިގަތުމުން ފަހަތުން ފަހުމީމެންވެސް ހިނގައިގަތެވެ.

" މި އެންމެން ގެއަށް ގެންދޭ! ބައްޕަ މިދަނީ ސައިކަލްގަ ގެއަށް! " ކުރީ ސީޓުގައި ކުޑަކޮށް ޖަހާލުމަށްފަހު ޖާބިރު ބުނެލިއެވެ. އެއާއެކު ފަހުމީވެސް ވާހަކަ ދައްކަން ފަށައިފިއެވެ.

" ތިގެއަށްތަ ދާންވީ ؟ "

" އާނ! މިފަހަރު ޖެހޭނީ މަގޭ ގެއަށް ވަދެފަދާން! އެހާ ފަސޭހައިން ދުލެއް ނުކުރެވޭނެ އެއްނު! "

ޖާބިރުގެ އެދުމަށް އެކާރަށް އެންމެން އަރައިފިއެވެ.

****

ގެއަށް ވަދެވުމާއެކު ނޫޙު ބާރުބާރަށް ދުވަން ފެށިއެވެ.

" ވާއޯ! ވާއޯ! "

ބޮޑު ސިޓިންގރޫމެއް އޮތުމުން ނޫޙު ވަރަށް ހިތްހަމަ ޖެހުނުކަން އުޝާއަށް އެނގުނެވެ. ނަމަވެސް އުޝާ ގޮސް އޭނާ ހުއްޓުވީ، ސިޓިންގޫމުގައި ބަހައްޓާފައި ހުރި އެއްޗަކަށް ގެއްލުމެއް ވެދާނެތީއެވެ.

" ދަރިފުޅު ބަސްއަހައިގެންނޭ ހުންނަންވާނީ! ކާފަގެ ފްރެންޑެއްގެ ގެއެއްނުމީ!"

އުޝާ ނޫޙުގެ އަތުގައި ހިފައިގެން ހުރެ ބުނެލިއެވެ. އެންމެންނަށްވެސް ތިބެވުނީ ގޭގެ އެކި ދިމަދިމާލަށް ބަލާށެވެ.

" އިށީންނަވާ! ބައްޕަ އެބަ ދުރުވޭ މިހާރު!"

ފަހަތުން އިވުނު އަޑަށް ސިހިފައި އެންމެ ފުރަތަމަވެސް ބަލާލެވުނީ އުޝާއަށެވެ. އުޝާ ފެނުމާއެކު އޭނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެގެއަށް އާދެވުނީ އޭނާއާއެކުގައިކަން އުޝާއަށްވެސް އެނގުނީ އަދިކިރިޔާއެވެ. އެންމެން ގޮސް ސޯފާގައި އިށީނދެލިއެވެ. ޒައިން ނޫހުގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ އުނގަށް ލުމާއެކު ނޫޙު ފުންމާލިއެވެ.

" ކޮއްކޮ އިންނާނީ މަންމިކައިރީ! "

ނޫޙު އެހެން ބުނުމާއެކު އުޝާ ހިނިތުންވެލަމުން ނޫޙުގެ ގައިގައި ބައްދާލިއެވެ.

" މާ ލަސްވެއްޖެދޯ! އުޅޭ އަނެއްކާވެސް އެއްޗެއް ބޯލަން! "

ސޯފާގެ ކުރިމަތީގައި ބަހައްޓާފައިހުރި ބިއްލޫރި ކުޑަ މޭޒުގަނޑުމަތީގައި ޖޫސް ޕެކެޓެއް ބަހައްޓަމުން ޖާބިރު ބުނެލިއެވެ. އެއާއެކު ބިއްލޫރި ތަށިތައް ހިފައިގެން އައިސް ހުއްޓުނީ ކުރިންވެސް އުޝާއާ ބައްދަލްވި ޒުވާނާއެވެ.

" މީ އަހަރެންގެ ހުރިހާވެސް މީހަކީ! މަގޭ ހުރި ހަމައެކަނި ދަރިފުޅު ނަވީން! "

ނަވީންގެ ބުރަކަށީގައި ފިރުމާލަމުން ޖާބިރު ބުނެލިއެވެ. އެއަށްފަހު ކުރިމަތީގައި ހުރި ސޯފާ ގޮނޑިތަކުގައި އެމީހުންވެސް އިށީނެވެ. ސިއްރުސިއްރުން ނަވީން އުޝާއަށް ބަލާކަން އުޝާއަށް އެނގުނެވެ. އެހެންކަމުން އުޝާއިނީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.

" ކެންސަރުބަލީގައި ވަރަށް ޙާލުގައި އުޅެފަ އަންހެނުން ނިޔާވީ! ވަރަށް ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅެން ޖެހުނު! މީނަ ކޯސްތައް ހެދީވެސް އިންޑިޔާގެ ޔުނިވަރސިޓީތަކުން.. އަދިކިރިޔާ ވިޔަފާރިއެއް ފެށުނީމި! ދެބަފައިންގެ މަސައްކަތުން ހަމަ.. "

ފަޙުރުވެރިކަމާއެކު ނަވީންއަށް ބަލާލަމުން ޖާބިރު ބުނެލިއެވެ. އެއާއެކު ފަހުމީއަށްވެސް ހިނިތުންވެލެވުނެވެ.

" ވަރަށް ދެރަވެއްޖެ އަންހެނުންގެ ތި ޚަބަރު އިވުމުން.." ފަހުމީ ބުނެލީ އަސަރާއެކުއެވެ.

" ފަހުމީ ކިހިނެއް ކިހިނެއް ތިއުޅެނީ؟ "

ޖޫސްތަށިން ކޯވަރެއް ދަމާލަމުން ޖާބިރު ބުންޏެވެ. އެއާއެކު އުޝާގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. ފަހުމީ އޭނާ ތަޢާރަފްކޮށްދޭނެ ގޮތެއް ނޭނގޭތީއެވެ.

" އަހަންނަށްވެސް ލިބުނީ ހަމައެކަނި ފިރެހެން ދަރިއެއް! މީނީ.. ޒައިން.. ދެން އަހަރެމެން ބޭހެއް ކުރަން ދިޔަ ރަށަކުން ދިމާވި ކުއްޖެއްމީ! އުޝާ އަހަރެމެން ގެނެސްގެން ދަރިއެއް ގޮތަށް ހަމަ މި ގެންގުޅެނީ.. މީ އުޝާގެ ދަރިފުޅު ނޫޙް!"

ފަހުމީ އެހެން ބުނެލުމުން ޖާބިރަށް ބަލާލެވުނީ ޒައިންއަށެވެ.

" ދެން މިދެކުދިން ގުޅުނީދޯ! " ވިސްނާވެސް ނުލާ ޖާބިރަށް އެހެން ބުނެވުނީ އެއީ އެކަށީގެންވާ ކަމަކަށް ވާތީއެވެ. ޖާބިރު އެހެން ބުނުމުން ޒައިންއަށްވެސް އިސްޖަހާލެވުނެވެ.

" ނޫނޭ! ޒައިންގެ އަންހެނުން ކުޑަކޮށް ބަލިވެ އުޅޭތީ ނާދެވުނީ.. ޒައިންގެވެސް ހުންނާނެ އަންހެން ކުއްޖެއް ދޯ ދަރިފުޅު..."

" އެހެންތަ؟ އަދިވާނެ އާއިލާ އެންމެން އެހެންވީމަ މިގެއަށް އަންނަން.. ކޮއްކޮގެ ބައްޕަވެސް ގޮވައިގެން އިނގޭ ދެން އަންނަންވާނީ.."

ޖާބިރު ވާހަކަ ދައްކަން ފެށުމާއެކު ނޫޙު އަނެއްކާވެސް އުޝާގެ އުނގުން ފޭބިއެވެ. އެހެންކަމުން ޖާބިރު އެހެން ބުނެލީ ނޫޙުއާ މައްލަވަ ކޮށްލުމުގެ ގޮތުންނެވެ.

" ކޮއްކޮގެ ބައްޕަ އަދިވެސް ނާދެ! މަންމަ އެހެންވެގެން ބައްޕައެއް ހޯދަނީ.."

ވިސްނުމެއް ފިކުރެއްނެތި ނޫޙު އެހެން ބުނުމާއެކު ހައިރާންވެހުރެ ޖާބިރަށް ބަލާލެވުނީ އުޝާގެ މޫނަށެވެ. ޖާބިރަށްވުރެ ބޮޑަށް އެކަމަށް ޝައުޤުވެރިވެވުނީ ނަވީނަށެވެ. ޒައިންއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ. އުޝާ ދެރަވެ ލަދުގަންނާނެވަރު އޭނާއަށް އިޙްސާސްކުރެވުނެވެ. އޭނާގެ ސަބަބުން އުޝާއަށް ލިބެމުންދާ ދެރައާ ހިތްދަތިކަމަށް އަމިއްލަ ނަފްސު ކުއްވެރިވެސް ކުރެވުނެވެ.

" ތެދެކޭ ދޯ.. ނޫޙުއަށް ބައްޕިއެއް ހޯދަނިއްޔޭދޯ މިހާރު.."

މިފަހަރު ވާހަަކަ ދެއްކީ އަމީރާއެވެ. އެހެންކަމުން ޖާބިރުގެ އިތުރުން ނަވީންއަށްވެސް ވިސްނުނުގޮތުގައި އުޝާހުރީ ވަރިކޮށްފައެވެ. ހިނިތުންވެލަމުން ޖާބިރު ނޫހުގެ ބޮލުގައި ފިރުމާލިއެވެ. ލަދުން އިނދެ އުޝާއަށް ނަވީނަށް ބަލާލެވުނު އިރު ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ. އަވަސް އަވަހަށް އަނެއްކާވެސް އުޝާ އިސްޖަހާލިއެވެ.

( ނުނިމޭ )

މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (30)

މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (30)

(ނިމުނީ)