" ތެދެކޭ ދޯ.. ނޫޙުއަށް ބައްޕިއެއް ހޯދަނިއްޔޭދޯ މިހާރު.."
މިފަހަރު ވާހަަކަ ދެއްކީ އަމީރާއެވެ. އެހެންކަމުން ޖާބިރުގެ އިތުރުން ނަވީންއަށްވެސް ވިސްނުނުގޮތުގައި އުޝާހުރީ ވަރިކޮށްފައެވެ. ހިނިތުންވެލަމުން ޖާބިރު ނޫހުގެ ބޮލުގައި ފިރުމާލިއެވެ. ލަދުން އިނދެ އުޝާއަށް ނަވީނަށް ބަލާލެވުނު އިރު ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ. އަވަސް އަވަހަށް އަނެއްކާވެސް އުޝާ އިސްޖަހާލިއެވެ.
ފަހުމީއާ ޖާބިރު ކުރީގެ ހަނދާންތައް އާކުރަމުން ހެމުން ދިޔައެވެ. އެމީހުންނާ ބައިވެރިވެ، އަމީރާވެސް އިރުއިރުކޮޅުން ހިނިގަނޑެއް ޖަހާލައެވެ. ނަމަވެސް ޒައިންގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. ކުރިމަތީގައި އިން ނަވީންގެ ނަޒަރު އުޝާއަށް ހުއްޓިފައިވާތަން ފެންނާތީ ޒައިންއަށް އުނދަގޫވަމުންދިޔައެވެ.
" ފޫހިވަނީ މަންމީ! "
ކުއްލިއަކަށް އިވުނީ ނޫޙުގެ އަޑެވެ. އެއާއެކު ނޫޙުއާ ދިމާލަށް އެންމެން އެއްފަހަރާ ބަލާލިއެވެ.
" ގެއަށްދާން!.." އަނެއްކާވެސް ނޫޙު ބުނެލިއެވެ.
އެއާއެކު އުޝާއަށް ބަލާލެވުނީ އަމީރާގެ މޫނަށެވެ. ގެއަށްދާން ބޭނުންވި ނަމަވެސް އުޝާއަށް ބުނަން ނުކެރޭނެކަން އަމީރާއަށް އެނގުނެވެ. އެހެންކަމުން މިފަހަރު ވާހަކަ ދެއްކީ އަމީރާއެވެ.
" ދަރިފުޅު ފޫހިވީދޯ! ހިނގާ އަވަހަށް ދާން.. "
އަތުގައި ހުރި ޖޫސްތަށި މޭޒުމަތީގައި ބަހައްޓަމުން އަމީރާ ތެދުވުމަށްފަހު ނޫޙުގެ އަތުގައި ހިފިއެވެ.
" ޖާބިރު އަހަރެމެން ދެން ދަނިއްޔޭ! އަދި ބައްދަލުވާންވާނެ! ދެން ބައްދަލުވާން ޖެހޭނީ އަހަރެމެންގެއިން.."
ޖާބިރުގެ ބުރަކަށީގައި ދެތިން ފަހަރު ޖަހާލަމުން ފަހުމީ ބުނެލިއެވެ. އެއާއެކު ޖާބިރު ފަހުމީއާ ދުރަށް ޖެހިލިއެވެ.
" މަގޭ ގައިގަ ކަލޭ ތިހެން ޖަހާލާފަ ހުރި ތަންތަނުގަ އަދިވެސް ރިއްސައޭ!..."
އެއީވެސް އެމީހުންގެ މަޖާ ހަނދާނެކެވެ. އެކަކު އަނެކަކު ބައްދަލުވުމުން ބުރަކަށީގައި ޖަހާލާ ޖަހާލުމެވެ. އެކަކަށްވުރެ ބާރަށް އަނެކަކަށް ޖެހޭތޯ ބަލާނެއެވެ.
" އެއީއޭ ބޭނުމަކީ! ގައިމުވެސް މަގޭ މަތިން ހަނދާންވާނެއެއްނު.."
އަނެއްކާވެސް ފަހުމީ ހިނިގަނޑެއް ޖަހާލިއެވެ.
" ނަވީން! ދަރިފުޅު ދާންވީނު ބޭބެމެން ގެއަށް ގެންދަން.."
ލޯތްބާއި އެކު ޖާބިރު ވާހަކަ ދެއްކީ ނާވީނާއެވެ. އެކަމަށް ބޭނުންވެފައިހުރިލެއް ބޮޑުކަމުން ނަވީނަށް ތެދުވެވުނީވެސް ނުހަނު އަވަހަށެވެ.
*****
ކޮޓަރިއަށް އައިސް ވަނުމާއެކު ޒައިންގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ހުރި ސާމާނުތަކެވެ. އޭރުވެސް ނަދާ އިނީ އެއްޗެހި ފޮއްޓަށް އަޅާށެވެ.
" ނަދާ! ކީއްކުރަން ތިއުޅެނީ؟ "
ޒައިންއަށް އަހާލެވުނީ ނުހަނު ބާރަށެވެ. އޭރު ޒަޔާވެސް ނަދާއަތަށް ބައެއް ސާމާނު ދިއްކުރަމުން ދިޔައެވެ.
" ބައްޕި އަބަދު މަންމިދެކެ ރުޅި އަންނަނީ.... ކޮއްކޮ ބޭނުމެއް ނޫން ބައްޕިއެއް.."
ތުން ދަމާފައި ޒަޔާ އެހެން ބުނުމާއެކު ޒައިންއަށް މައިތިރި ވެވުނެވެ. ނަދާ އެއުޅެނީ ފުރައިގެން ދާކަން އޭނާއަށް ވިސްނުނެވެ. ބާރުބާރަށް އައިސް އޭނާ ޒަޔާ އުރާލަމުން ޒަޔާގެ ދެކޮލަށް ބޮސްދިނެވެ.
" މަންމި ބަސްނާހާތީއެއްނު ބައްޕި ރުޅި އަންނަނީ.. ކޮއްކޮ ބުނެބަލަ މަންމިގާތު ބަސްއަހާށޭ.."
ޒައިން އެހެން ބުނުމާއެކު ދެފަރާތަށް ބޯހޫރާލަމުން ޒަޔާ ތެޅިގަތެވެ. ޒަޔާ ތެޅޭވަރުން ޒައިންއަށް ޖެހުނީ އޭނާ ތިރިއަށް ބަލާށެވެ. އޭރުވެސް ރުޅިއައިސްފައި ހުރި ނަދާ އަވަސް ހަރަކާތްތަކާއެކު ފޮށިތައް ބަންދުކުރަމުންދިޔައެވެ.
"ކީއްކުރަންތަ އަހަރެމެންގެ މައްސަލަތަކުގެ ތެރެއަށް ދަރިފުޅު ތި ވައްދަނީ؟"
ނަދާގެ އަތުގެ މުލައްދަނޑީގައި ހިފާ ޒައިންއާ ދިމާލަށް އަނބުރާލަމުން ޒައިން ބުނެލީ މަޑުމަޑުންނެވެ. މަޑުން ވާހަކަ ދެއްކި ނަމަވެސް ޒައިންހުރީ ވަރަށް ރުޅިގަދަވެފައިކަން ނަދާއަށް އެނގުނެވެ.
" އަހަރެން އެއްޗެއް ނުބުންޏަސް މިގޭތެރޭގައި ކަންތައްތައް ހިނގާ ގޮތް ޒަޔާއަށް ފެންނާނެ.."
ނަދާ ޒައިންގެ އަތް ފޮޅުވާލިއެވެ. އެއާއެކު އަނެއްކާވެސް ޒަޔާ އޭނާގެ ކުޅޭއެއްޗެއް ފޮއްޓަށްލާން ދިއްކޮށްލިއެވެ.
" އަހަރެން މިއުޅެނީ ލަންކާއަށް ދާން! އަހަންނަށް ދެން މިގެއަކު ނޫޅެވޭނެ. ކަލޭމެން އެންމެންނަށްވެސް ގޯސްވަނީމަ. މަންމަމެންގެ ކުރިމަތީގައި ޒައިން އަހަރެންގެ އަގު ވައްޓާލައިފި.."
ދަބަހުގެ ޒިބު ދަމާލަމުން ނަދާ ބުނެލިއެވެ.
" ނަދާއަކަށް ނޭނގޭތަ އުޅެވުނު ފާޑެއް؟ އަހަރެންގެ ގަޔަށް ބޮލަށް އަރާ...."
ދުރުގައި ކުޅެން ހުރި ޒަޔާއަށް ބަލާލަމުން ޒައިން ބުނެލީ ދަތްކުނޑި ވިކާލަމުންނެވެ. މަޑުން ވާހަކަ ދައްކަން ޖެހުނީވެސް ޒަޔާއަށް އަޑު އިވިދާނެތީއެވެ. ނަމަވެސް ނަދާގެ ވިސްނުން ތަފާތެވެ. އޭނާ ވާހަކަ ދައްކަން ފެށީ ނުހަނު ބާރަށެވެ.
" ގަޔަށް ބޮލަށް އަރާނެދޯ އަހަރެން ރުޅި އެރުވީމަ. ޒައިންއަށް އެނގޭނެ އަހަންނަކީ ރުޅި އަރުވައިފިއްޔާ ކޮންޓްރޯލް ގެއްލޭ މީހެއްކަން، އެމީހުންގެ ކުރިމަތީގަ ޒައިންއަކަށް ނުޖެހޭނެ އަހަރެން ފަޟީޙަތްކުރާކަށްވެސް."
ދެމީހުންގެ ވާހަކަތައް ޒުވާބަކަށް ވެއްޖެއެވެ. އެންމެ ފަހުން ނަދާގެ އަޑު މަޑުވީ ޒަޔާ އައިސް އޭނާގެ ގައިގައި ބައްދައިގަތީމައެވެ.
" ލަންކާމާމަ ބުންޏެއްނު އަވަހަށް އަންނާށޭ! ދެން ކޮންއިރަކުންތަ ފުރަނީ؟ ހާދަ ލަހޭ!"
ފޫހި ރާގެއްގައި އައިސް ޒަޔާ ބުނެލިއެވެ. އެއާއެކު ޒައިންއަށް އަނެއްކާވެސް ބަލާލެވުނީ ނަދާގެ މޫނަށެވެ.
" މިހާރު ނަދާގެ މަންމަމެންގާތުވެސް އެއްޗެކޭ ކީދޯ؟" ޒައިން ބުންޏެވެ.
" އާނ! އަހަރެން ދެން މިކޮޅަށް އަންނާކަށް ޚިޔާލެއް ނުކުރަން.. ދަރިފުޅުދެކެ ލޯބިވަންޏާ ޒައިންވެސް ހިނގާ އަހަރެމެންނާއެކު.. ނޫނީ.. ނޫނީ އަހަރެން ދޫކޮށްލާ! "
ނަދާގެ ޖުމްލައިން ޒައިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހިތުތެރެއަށް ޖަމާވަމުންދިޔަ ވާހަކަތައް ހާމަ ނުކުރެވުނީ ޒަޔާ ހުރުމުންނެވެ.
" ނަދާއަށް ހާދަ ފަސޭހައޭދޯ ތިހެން ބުނެލަން.." ޒައިންގެ ރާގުގައި އަދިވެސް ހުރީ ރުޅިވެރިކަމެވެ. ޒައިންއަށް ސަމާލުކަން ނުދީ ހުރެ، ޒަޔާގެ ބޮލުގައި ނަދާ ފުނާއަޅުވަން ފެށިއެވެ.
" ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަންނެއްދެން ނުހުއްޓުވޭނެ! އަހަރެން މިދަނީ ވަރަށް ފޫހިވެގެން.. ވަރަށް ރުޅިގަދަވެގެން.. އަހަރެންމީ އަނބިމީހާކަން ނުދަންނަ ފިރިއެއް އަހަރެން ބޭނުމެއްނޫން.. މަންމަމެންގެ ކުރިމަތީގައިވެސް ޒައިން އަހަރެންގެ އަގު ވައްޓާލައިފި. ޒައިންއަށް އެނގޭނެ އަހަރެން މީ ރުޅި ކޮންޓްރޯލްވާ މީހެއް ނޫންކަން. ކީއްކުރަން ދެން އަހަރެން ރުޅި އަރުވަންވީ؟ "
" އަނެއްކާވެސް އެވާހަކަތައް.. ދެން އެކަން އެ ނިމުނީނު. އެކަމާހެދި މަށާ ޒަޔާ ދުރުކުރަން ތިއުޅެނީ؟ "
ޒައިންއަށް ބުނެލެވުނެވެ. ނަމަވެސް މިފަހަރު ނަދާހުރީ ނިންމުން ބަދަލުކުރާ ގޮތަކަށް ނޫނެވެ. ދަބަސް އަޅުވައިގެން އޭނާ ނިކުތުމާއެކު ފަހަތުން ޒަޔާވެސް ނިކުތެވެ. ޒައިންއަށް ދެފަރާތަށް ބޯހޫރާލެވުނީ ނަދާދެކެ ވީ ފޫހިންނެވެ. ކޮޓަރިތެރޭގައި ހުރި ދެފޮށި ހިފައިގެން ޒައިން ނިކުތީ ހިތާ ދެކޮޅަށެވެ. އެނޫން ގޮތެއް ނެތީމައެވެ.
ވަގުތަކީ ގޭތެރޭގައި އެއްވެސް މީހަކު ނެތް ވަގުތެއްކަން އެއީ ނަސީބޭ ނަދާގެ ހިތަށް އެރިއެވެ. އޭނާ ދިޔަބާރުމިނުގައި ގޮސް ގެއިން ނިކުމެއްޖެއެވެ.
" އެއަރޕޯޓަށް ނަޔަސް ހެޔޮ! އަހަރެން ބޭނުމެއްނޫން ޒައިން އެތާކަށް ދާކަށް.. ޒަޔާދެކެ ލޯބިވަންޏާ އަހަންނާއެކު ޒައިންވެސް ލަންކާއަށް ބަދަލުވޭ!"
ކާރެއްގެ އިންތިޒާރުގައި ހުރެ ނަދާ ބުނެލިއެވެ. އެއާއެކު ޒައިންގެ ހިތުގައި ރުޅިވެރިކަން ކެކިއަރައިގަތެވެ.
" އަހަރެން ކިހިނެއް ލަންކާއަށް ބަދަލުވާނީ؟ ބޭނުންވާ އިރަށް ދިރިއުޅުން އެތަން މިތަނަކަށް ބަދަލެއް ނުކުރެވޭނެ! ނަދާވެސް ނުގޮސް މަޑުކުރޭ!"
" އަހަރެން މަޑުކުރާނެ އެއްގޮތެއްވެސް ނޯންނާނެ! މަންމަމެންލައްވާ އަހަންނަށް ނުގުޅާތި!" ކާރެއް މަޑުކޮށްލުމާއެކު ނަދާ ބުނެލިއެވެ.
" ބައްޕި ދާނަން ދަރިފުޅު ބަލާ ވަރަށް އަވަހަށް..." ޒަޔާގެ ކޮލަށް ބޮސް ދެމުން ޒައިން ބުނެލިއެވެ.
" ނޫން.. ކޮއްކޮ އުޅޭނީ ލަންކާގަ. މަންމަބުނީ ލަންކާ މާ ރީތިވާނޭ!" ލަންކާއަށް ދެވޭތީ ޒަޔާ ހުރީ ވަރަށް އުފާވެފައިކަން ޒައިންއަށް އެނގުނެވެ.
ނަދާ އެދުނު ގޮތަށް އެމީހުންނާއެކު އެއަރޕޯޓަކަށްވެސް ޒައިންއެއް ނުދެއެވެ. ކާރަށް އެރުމުގެ ކުރިން ޒަޔާގެ ގައިގައި ބައްދާލުމަށްފަހު ޒައިން މަޑުކުރީއެވެ.
***
" އަހަރެން ހަމަ ހައިރާންވެއްޖެ! ދަރިން ލިބުނީމަ ވިސްނަންވާނީ ދަރިންނާމެދު! އެދަރިފުޅު ބައްޕަޔާ ވަކިކޮށްގެން ގެންދިޔައީމަ އެކުއްޖާއަށް ލިބޭނެ ނިމަތިކަން ނަދާއަކަށް ނުވިސްނުނު!"
އަމީރާއަށް ވާހަކަ ދެއްކުނީ ރޮވޭފަދަ ގޮތަކަށެވެ.
" އަހަރެމެން ދެން މިކަމާ ބަހުސް ކުރުމެއްނެތެއްނު! އަހަންނަށް ފެންނަނީ ޒައިންވެސް ލަންކާއަށް ބަދަލުވާން.."
ފުން ވިސްނުމެއްގައި އިނދެ ޒައިން ބުނެލިއެވެ. އެއާއެކު ސިހިފައި ޒައިންއަށް ބަލާލެވުނީ ފަހުމީގެ މޫނަށެވެ.
" އަހަރެން މަސައްކަތް ދޫކޮށްފައި ކިހިނެއް ދާނީ؟ ނަދާއެއީ މާ ޒީލަގަދަ މީހެއް! އަހަރެން ގޮސް ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނަ ޤަބޫލެއް ނުކުރާނެ! ނުވެސް އަންނާނެ! "
ޒައިން ބުނެލިއެވެ.
" ވަޒީފާއެއް ހޯދައިގެން ލަންކާގައި މަޑުކުރާށޭ ބައްޕަ މި ބުނަނީ.. ޒަޔާ އެހެން ބައެއްގެ އަތްމައްޗަކަށް ދުލެއް ނުކޮށްލެވޭނެއެއްނު!"
ފަހުމީ އިތުރަށް ކިޔައިދިނެވެ. ނަމަވެސް ޒައިން ހުރީ އެގޮތަށް ވިސްނައިގެންނެއްނޫނެވެ. އޭނާވެސް ހުރީ ގޮތުގައި ހިފަހައްޓައިގެންނެވެ.
" ދުވަސްކޮޅަކުން ނަދާގެ ރުޅިގަނޑު މަޑުވެދާނެ! އޭރުން އަހަރެމެން އެންމެން އޭނަ ބަލައިދާނީ! އޭރުވެސް އަތުވެދާނެ.. ޅަ ޢުމުރުގައި ދިރިއުޅުން ހަލާކުކޮށްލާކަށް ނުވާނެ!"
އަމީރާވެސް ޒައިންއަށް ވިސްނައިދެމުންދިޔައެވެ.
***
އެނދުމަތީގައި އެތައް އިރެއްވަންދެން އޮތް ނަމަވެސް ނަވީންގެ ނިދިވަނީ ލޮލާ މާ ދުރުގައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު އޭނާއަށް އުޝާ ފެންނަ ކަހަލައެވެ. އުޝާގެ ކޮންމެ ޚަރަކާތެއްވެސް ނަވީންއަށް އެހާ ކަމުދެއެވެ. އެންމެ ފަހުން ނުނިދިގެން އޭނާ ސިޓިންގރޫމަށް ނިކުތީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ސިޓިންގރޫމް ސޯފާގައި އިން ޖާބިރެވެ. ޖާބިރު އިނީ ލެޕްޓޮޕް ހިފައިގެން މަސައްކަތެއް ނިންމާށެވެ.
" ބައްޕަ އަދިވެސް ރިޕޯޓްތައް ނިންމަނީތަ؟ ދެން ނިދަންވީނު.."
ނަވީން އައިސް ސޯފާގައި އޮށޯވެލިއެވެ. އެއާއެކު ލެޕްޓޮޕް ލައްޕާލަމުން ޖާބިރު ބުނެލިއެވެ.
" އޯކޭ! ދަރިފުޅު ބުނެފިއްޔާ ބައްޕަދެން މި ނިންމާލަނީ. އެކަމަކު ސޭލްސް ރިޕޯޓްތަކަކީ ނުނިންމާ ބަހައްޓައިގެން ފަހުން އުނދަގޫވާނެ ކަމެއް! ދަރިފުޅު އެބައި އަވަހަށް ނިންމާލާތި! "
ޖާބިރު އެހެން ބުނުމާއެކު ނަވީން ބޯޖަހާލިއެވެ. ނަވީންގެ މޫނުމަތީގައިވާ ހިނިތުންވުމަކީ އާދަޔާ ޚިލާފް ހިނިތުންވުމެއްކަން ދެނެގަންނާކަށް ޖާބިރަކަށް އުނދަގުލެއްނުވިއެވެ.
" ހާދަ އެހެންކަހަލަ ގޮތަކަށް ހެވިފަ ތި ހުންނަނީ.. ހީވަނީ ބޮޑު އުފަލެއް ލިބިގެން އުޅޭހެން.."
އެއްފައި މައްޗަށް އަނެއްފައި އެއްލަމުން ޖާބިރު ހަމަޖެހިލިއެވެ.
" ބައްޕައަށް ދަރިފުޅުގެ އެއްވެސްކަމެއް ސިއްރެއް ނުކުރެވޭނެ އިނގޭ! އަވަހަށް ކިޔައިދީ! ބުނެބަލަ ކޮން އުފަލެއް ލިބިގެންތަ؟ އަނެއްކާ މިގެ ފަޅުފިލުވާލަން ކުއްޖަކު ގެންނަނީތަ؟"
ބައްޕަ ކިބައިން ސަލާމަތް ނުވެވޭނެކަން އެނގޭތީ ނަވީން ބޭނުންވީ އެވާހަކަތައް ބައްޕައަށް ކިޔައިދޭށެވެ. ނަވީންގެ ބެސްޓްފްރެންޑަކީވެސް އޭނާގެ ބައްޕައެވެ.
"އެކުއްޖާ އަންނާނެ ކަމެއް ނޭނގެނީ"
ކަތި ނަޒަރަކުން ބައްޕައަށް ބަލާލަމުން ނަވީން ބުނެލިއެވެ.
" އޯހް ވޯވް.. ވޯވް... މަގޭ ދަރިފުޅަށް އަދިކިރިޔާ ކުއްޖަކު ކަމުދިޔައީ! އަވަހަށް ބުނޭ! ކާކުތައެއީ؟ އެ ނަސީބުވެރިޔަކީ ކާކުތަ؟"
ޖާބިރު އަވަސްވެގަތީ އޭނާގެ ދަރިފުޅުގެ ހިތަށް އުނދަގޫކުރަމުންދާ އަންހެން ކުއްޖަކީ ކާކުތޯ ބަލާށެވެ.
" ބައްޕަ ފްރެންޑްގޭގައި އުޅޭ އުޝާ! "
ނަވީން އެހެން ބުނުމާއެކު ޖާބިރަށް ދެބުމަ ހިއްލާލެވުނީ އެއްފަހަރާއެވެ.
" މީހަކާ އިނދެ ވަރިކޮށްފައި ހުއްޓަސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް.. ދަރިޔަކު ހުއްޓަސް ހަމަ އޯކޭ! އަހަންނަށް އޭނަ ވަރަށް ކަމުގޮއްސި!"
ނަވީން އެއްފައްޗަކަށް އަމުނާލިއެވެ. އެއާއެކު ޖާބިރު ބޯޖަހާލިއެވެ.
" ދަރިފުޅު އޯކޭވާ ކޮންމެ ކަމަކަށް ބައްޕަވެސް ހަމަ އޯކޭ! އެކަމަކު ތިބުނާ ކުއްޖާ އޯކޭ ކަމެއް ކިހިނެއް އެނގޭނީ؟"
ނަވީންގެ ކޮލުގައި ހިފާލަމުން ޖާބިރު ބުނެލިއެވެ. އެއާއެކު ނަވީން ފުންމައިގެން ތެދުވެއްޖެއެވެ.
" ހިނގާބަލަ އެގެއަށްދާން.. އަހަރެން ބޭނުން މިއަދުން މިއަދަށް އޭނަގެ ޖަވާބެއް! ބައްޕަގޮސް ބައްޕަގެ ފްރެންޑްގާތު އަހާބަލަ! ޕްލީޒް ޕްލީޒް"
ނަވީން އުޅުނު ގޮތުން އެއީ އޭނާ ނުހަނު ބޭނުންވާ ކަމެއްކަން ޖާބިރަށް އެނގުނެވެ. އެހެންކަމުން ޖާބިރު އެކަމަށް އެއްބަސްވެސް ވިއެވެ.
" ތީ ހަމަ އަހަރެންގެ ގްރޭޓް ޑޭޑް... "
ނަވީން ބައްޕަގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
****
އަމީރާއާއެކު އުޝާ އަވަދިނެތި އުޅެމުންދިޔައެވެ. ކާމޭޒުމަތީގައި ތަށިތައް އަތުރަމުން ދިޔައީވެސް ނުހަނު އަވަހަށެވެ.
" ޒައިން ކޮޓަރިން ނުނިކުމޭތަ ހަމަ؟ "
ފަހުމީ ބުނެލީ ކަންބޮޑުވުމާއެކުއެވެ.
" ނޫން.. ބޭރަށް ގޮސް ވެއްޖެ! އަހަރެން ބުނިން އަވަހަށް ގެއަށް އަންނާށޭވެސް.. ޖާބިރުމެން އަންނަ ވާހަކަވެސް ބުނިން.."
ފަހުމީގެ ކަންބޮޑުވުންތައް ފިލުވާލުމަށްޓަކައި އަމީރާ ބުނެލިއެވެ. އެއާއެކު ފަހުމީ ގޮސްވަނީ ކޮޓަރިއަށެވެ.
" ޒަޔާ މަތިން ހަނދާންވާތީ ބޯ ގޮވާފަ އެހުރީ! ނަދާ ދެން ނޭންގެ އަންނާނެ ކަމެއްވެސް.."
އަމީރާ ދެރަވެލާފައި ބުނެލިއެވެ. އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާކަށް އުޝާ ބޭނުމެއް ނޫނެވެ. އެހެންކަމުން އަމީރާ ކުދި ކިޔާ އަޑު އަހަން އުޝާ އެއްޗެއް ނުބުނެ ހަމަ ހުރީއެވެ.
" ކޮބާ ތައްޔާރު ވެއްޖެތަ؟ ގުޅަންވީދޯ އެމީހުންނަށް.."
ފަހުމީ ބުނެލީ ގަޑި ބަލާލަމުންނެވެ.
" އާނ ގުޅާލާ! އަހަރެން މިހުރީ ވަރަށް ޖެހިލުންވެފަ! އެމީހުން ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަމެއް ނޭނގެދޯ! "
އަމީރާ ކަންބޮޑުވެފައި އެހިއެވެ. އެއާއެކު ފަހުމީ ޖަހާލީ ހިނިގަނޑެކެވެ.
" ދެން އައީމަ އެނގޭނެއެއްނު! ޒައިން ނާދޭތަ އަދިވެސް... "
" ހޫމް.. ދެން ނުގުޅާނަން އެކަމަކު.. އޭނަ އަންނަން ބޭނުން ވަންޏާ އަންނާނެއެއްނު.. ގަދަކަމުން ކަންކަން ކުރުވާކަށް ނުކެރޭނެ މިދުވަސްވަރަކު.. ޒައިން އެ ހުންނަނީ ޒަޔާ ދިޔައީމަ ހިތް ހަލާކުވެފަ ހަމަ.. ނޫޙު ހުއްޓަސް އެކުއްޖާގެ ހިތުގައިވެސް ޒައިންއާމެދު ބައްޕަގެ ކުލުނެއް ނުހުންނާނެއެއްނު.. އެއީ ހަމަ ނެތްކުއްޖެއްދޯ"
ސިޑިން ފައިބައިގެންއައި އުޝާގެ ކަންފަތުގައި ޖެހުނު އެ ޖުމްލައިން އުޝާގެ ހިތަށް ވަރަށް އަސަރުކު ކުރިއެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (31)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!