ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޤުރުއާން މުބާރާތުން ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަހުމަދު ސުޖާއު (ސުޖާއު ސަރ) ފަޚުރުވެރި ވަނަ އެއް ހޯދައިފިއެވެ.
ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވި މި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށް ސުޖާއު ވަނީ މުޅި ރާއްޖެއިން ހަތަރު ވަނަ ހޯދާފައެވެ.
ސުޖާއު އަކީ ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ޤުރްއާން މުދައްރިސެކެވެ. ސުޖާއުގެ މި ކާމިޔާބަށް އަތޮޅު މަދަރުސާއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ސުޖާއުގެ މި ކާމިޔާބީ ފާހަގަކޮށް ހޯރަފުށީ ކައުންސިލުން ވިދާޅުވީ، ހއ. އަތޮޅާއި ރަށަށް ޝުޖާއު ހޯދައިދިނީ ރީތި ނަމެއް ކަމަށެވެ. އަދި 111 ބައިވެރިން ވާދަ ކުރި މުބާރާތެއްގައި ފައިނަލް ރައުންޑުން ޖާގަ ހޯދުމަކީ ބޮޑު ކާމިޔާބެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެފަވެއެވެ.
''މުޅި މުބާރާތުގެ 4 ވަނައަކީ ފަހުރުވެރި ވަނައެއް، މިމުބާރާތަކީ ޝުޖާޢުގެ ރިވެތި ކިޔެވުމާ، ހުނަރުވެރިކަމާ، ގާބިލްކަން ފެނިގެން ދިޔަ މުބާރާތެއް'' ހޯރަފުށީ ކައުންސިލުން ވިދާޅުވެފަވެއެވެ.
މި މުބާރާތް ނިންމުމަށް ރޭގައި ބޭއްވި ހަފުލާގައި ސުޖާއު އަށް އިނާމް ހަވާލުކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
މިވަނަ ހޯދުމުން އިނާމުގެ ގޮތުގައި އޭނާ އަށް ވަނީ އާބަންކޯގެ ފަރާތުން އުމްރާ ދަތުރަކާއި، ޕްރޮކްސީ ހޯމްގެ ކާޕެޓާއި، މެކްސްކޮމްގެ ސްމާޓް ފޯނަކާއި، އެސްޓީއޯގެ ފަރާތުން ބްލެންޑާ އަކާއި، ރެޕިއުޓްގެ ފަރާތުން ގިފްޓް ހެމްޕާ އަކާއި، ބެސްޓްބައިގެ ފަރާތުން ގިފްޓް ހެމްޕާ އަކާއި، ފްލޭމް ލިލީގެ ފަރާތުން ގިފްޓް ހެމްޕާ އަކާއި ޕޮއިސްގެ ފަރާތުން ގިފްޓް ހެމްޕާ އަކާއި، އަދި މިފްކޯގެ ގިފްޓް ހެމްޕާއެއް ލިބިފައެވެ.
ރަންތާޖު ޤުރުއާން މުބާރާތަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އެއްވަނަ ބައިވެރިޔާއަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މިމުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!