ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ގޮތް ނިންމާފައިވާއިރު، މިކަމުގައި ސަރުކާރުން އިސްކުރީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އިޓްލޮސް އިން މިއަދު މި މައްސަލަ ނިންމިއިރު، ރާއްޖެއާއި މޮރިޝަސް އާއިމެދު ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް ވަނީ 47،232 އަކަކިލޯމީޓަރު ލިބިފައެވެ. އަދި މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.
އިޓްލޮސްގެ މި ނިންމުމާއެކު ރައީސް ޞާލިޙް މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރާއްޖެއިން ވަކާލާތު ކުރަމުންދާތާ އެތައް އަހަރެއްވީ މައްސަލައެއް ކަމަށެވއ. އަދި މިއީ، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅިގެން ދިޔަ ވަރަށް ތާރީޚީ ނިންމުމެއް ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން މިކަމުގައި އިސްކުރީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތުކަމަށް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ޙަޤީޤަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ފެތުރިކަމުގައިވިޔަސް، މައްސަލަ ނިމިގެން ދިޔަ ގޮތުން ކަމުގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ ކަމުގައި ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!