ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަންހަދައި، ރައީސް ޞާލިޙާއެކު ހުންނެވި ޝިޔާމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ވަނީ ނިންމާފައެވެ.

އެކަމަށް އިޝާރާތްކުރައްވަމުން ސިޔާމް ވިދާޅުވީ، ކާމިޔާބުކަމާއެކު މިއަދު ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލަކާ ހިތްހަމަޖެހުމެއް ކަމަށެވެ.

“ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް ޢަމަލު ކޮށް މިމައްސަލަ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ނިމުމުގައި ދިވެހި ސަރުކާރުން ޚާއްސަކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުންފުޅާ ސްޓްރެޓެޖިކް މަސައްކަތްފުޅަށް އައްސަރިބަހާ ސާބަސް ދަންނަވަން” ޝިޔާމް ވިދާޅުވެފަވެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި އިޓްލޮސް އިން މިއަދު ނިންމި ނިންމުމަކީ ދިވެހިންނަށާއި ސަރުކާރަށް ވެސް ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށް ރައީސް ޞާލިޙް ވެސް މިރޭ ވަނީ ވިދާޅުވެފައެވެ.

ކެބިނެޓް މިނިސްޓަރުންނާއެކު ރައީސް މިރޭ ކުރިއަށް ގެންދެވި ނޫސްކޮންފަރެންސްގައި ވިދާޅުވީ، މިހާރު ރާއްޖެ އަކީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން އިން ވަކިކުރެވިފައިވާ ގައުމެއް ކަމަށެވެ.

އިޓްލޮސް އިން މިއަދު މި މައްސަލަ ނިންމިއިރު، ރާއްޖެއާއި މޮރިޝަސް އާއިމެދު ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް ވަނީ 47،232 އަކަކިލޯމީޓަރު ލިބިފައެވެ. އަދި މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.