ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމާލައިފިއެވެ.
މޯލްޑިވްސް އޯޕަން 2023، 10 ބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްމެޗު ބައްލަވާލައްވައި އެމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.
މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އަށާއި އަދި ރަނަރަޕް ކުޅުންތެރިޔާއަށް ޓްރޮފީއާ މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ.
މިމުބާރާތުގައި 15 ޤައުމަކުން 64 ކުޅުންތެރިން ބައިވެރިވިއިރު، މި މުބާރާތް ކުރިޔަށް ދިޔައީ، 2023 އޭޕްރީލް 22 އިން 26 އަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ހައުސްގައެވެ.
މޯލްޑިވްސް އޯޕަން، 2023، 10 ބޯލް ޗެމްޕިއަންޝިޕަކީ، ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތެވެ.
އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ސަރުކާރުން ވިދާޅުވެފައިވާގޮތުގައި އެކަމުގެ އެންމެބޮޑު ބޭނުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް އެކިއެކި ފުރުޞަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވައި ފުޅާކުރުމެވެ. އެގޮތުން މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވުނު ބައިނަލްއަޤްވާމީ 2 ވަނަ މުބާރާތްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!