ހދ. ހަނިމާދޫގައި ބަޔަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިމަހުގެ 1 ވަނަ ދުވަހުގެ ވަގުތެއްގައި ހދ ހަނިމާދޫ ގައި 22 އަހަރުގެ ފިރިހެނަކަށް ބަޔަކު ބިރުދައްކާ އަނިޔާ ކޮށް ރަހީނު ކޮށްގެން ގެންގުޅޭ ކަމުގެ މައްސަލައެއް އެދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިސަލް ތިލަދުން އަށް މަޢުލޫމާތު ދެމުންބުނީ މި މައްސަލައިގައި މިމަހުގެ 2 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި އަދި 24 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އަދި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންވަނީ މި 2 މީހުންގެ ބަންދަށް 10 ދުވަސް ދީފައިކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަޙްގީގު ކުރަމުން ދާކަމަށާއި ރަހީނު ކޮށްފައިވާ މީހާ ފުލުހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަނިމާދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ހއ. މުރާދޫގައި ހުރި މީހަކު ގެނެސް ގެއެއްގެ ތެރޭގައި ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ފެންމަތިވެފައިވާކަމަށާއި މިމައްސަލާގައި ރަޙީނުކުރި މީހުން ރޫމްތެރޭގައި ބަރަހަނާކޮށް ވީޑިއޯކޮށްފައިވާކަމަށާއި މިކަން ކޮށްފައިވަނީ ފައިސާގެ މައްސަލައެއްގައި ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ. މިކަމުގައި 18 އަހަރު ނުވާ ކުޑަކުއްޖެއްވެސް ހިމެނޭކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.
Ad
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!