ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން "ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ނަން "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް" ގެ ނަމަށް ބަދަލުކޮށް، އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލަން ނިންމައިފިއެވެ.
އެ ކުލަބުން މިކަން އިޢުލާން ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯގައެވެ.
މި ބަދަލާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން މިޑްލް ސްޕޯޓްސް ކުލަބުގެ ރައީސް ނަޝްވާން އިބްރާހީމް ބުނެފައި ވަނީ ދިއްދޫއަށް އަމާޒުކުރެވިގެން މި ދެ އަހަރު ކުރިއަށް ގެންދެވުނު ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތް ހއ.އަތޮޅަށް ހުޅުވާލުމުގެ އެންމެ ބޮޑު މަޤުޞަދަކީ މުބާރާތް އިތުރަށް ފުޅާކޮށް އަތޮޅުގައިތިބި ޤުރުއާންގެ ފަންނުގައި ކުރިއަރާފައިވާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.
ނަޝްވާން އިތުރަށް ބުނެފައި ވަނީ އަތޮޅަށް ހުޅުވާލި ނަމަވެސް މުބާރާތުގެ އޮޑިޝަނާއި އަދި މުބާރާތުގެ ޝޯތައް ކުރިއަށް ދާނީ ދިއްދޫގައި ކަމަށެވެ.
އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތުން ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށެވެ. ނަމަވެސް މުބާރާތުގެ 20 ޖާގައިގެ ތެރެއިން ފަސް ޖާގަ ދިއްދޫއަށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ.
މުޅިއަތޮޅަށް ހާއްސަކުރާ 15 ޖާގައަށް ވާދަކުރުމުގެ ފުރުޞަތު ދިއްދޫގެ ބައިވެރިންނަށް ވެސް ލިބިގެންދާނެއެވެ. ފަނަރަ ބައިވެރިން ސެލެކްޓް ކުރުމަށް ފަހު ދިއްދޫއަށް ހާއްސަކުރާ ފަސް ޖާގައަށް ނަގާނީ ފަނަރަ ބައިވެރިންގެ ތެރޭ ނުހިމެނުނު ފަރާތްތަކުގެ ތެރެއިން ދިއްދޫއަށް ނިސްބަތްވާ އެނެމް ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނެވެ.
ނަޝްވާން އިތުރަށް ބުނެފައި ވަނީ މުބާރާތުގައި ވާދަކުރުމަށް އެ އަތޮޅުގެ ރަށްރަށުން އަންނަ ބައިވެރިންނަށް އެ ކުލަބުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މުބާރާތާއި ގުޅޭ އެންމެހާ އުސޫލްތައް ފަހުން އާންމުކުރާނެ ކަމަށެވެ.
އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސް ރަމަޟާން މަހުއެވެ.
މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!