ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް ސާފުކުރަމުންދާ ބިމުގައި ހުރި ރުއްގަސްތަކުން ކުރެ ރުއްގަސްތަކެއް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގާފައި ވަނިކޮށް، އެ ރުއްގަސްތައް ކަނޑައި، ނީލަންކިޔާ ކަމުގެ ޝަކުވާ އީޕީއަށް ހުށަހެޅުމުން އެކަން އެ އޭޖެންސީން ބަލަން ފަށައިފިއެވެ.
އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. 16 ޖެނުއަރީ 2023 ގައި ހަވާލުކުރި މަ މަސައްކަތުގެ އަގަކީ 123،303،792.00 އެވެ.
އެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ ހުއްދަ އީޕީއޭއިން އެ ކުންފުންޏަށް ދީފައި ވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މި ހުއްދައިގެ ދަށުން އެ ސަރަހައްދުގައި ހުރި 110 ރުކާއި، 86 ގަސް އެރަށުގެ ކައުންސިލުން ދައްކާ އެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ހުއްދަވެސް ދިނެވެ. މި ރުއްގަސްތައް އިންދާނެ ސަރަހައްދެއް އިހަވަންދޫ ކައުންސިލުން އެ ކުންފުންޏަށް ދައްކާފައިވާއިރު، އެ ހުއްދައިގެ މުއްދަތު ހަމަވާނީ 15 އޭޕްރިލް 2023 އަށެވެ.
އެ ސަރަހައްދުން ކަނޑާލާފައިވާ ކަމަށް ބުނާ ރުއްތަކެއް، ފޮޓޯ: ކިޔުންތެރިއެއް
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ހޮސްޕިޓަލް އެޅުމަށް ބިން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ހުރި އީޕީއޭއީން ރަށުގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް އެންގި ރުއްގަސްތައް ކަނޑާލައި، ނީލަން ކިޔަމުންދާކަމުގެ ޝަކުވާއެއް އާންމު ފަރާތަކުން ވަނީ އީޕީއޭއަށް ހުށަހަޅާފައެވެ. އެހެންކަމުން މިކަމާއި ގުޅިގެން އީޕީއޭއިން ވަނީ އެފަދަ ކަމެއް ހިނގަމުންދާނަމަ އެކަން ހުއްޓުވައި ދިނުމަށް މި މަހުގެ 2 ވަނަ ދުވަހު އިހަވަންދޫ ކައުންސިލްގައި އެދިފައެވެ.
އެ ސަރަހައްދުން ކަނޑާލާފައިކަމަށް ބުނާ ގަސްތަކެއް، ފޮޓޯ: ކިޔުންތެރިއެއް
މީގެ އިތުރުން އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް 9 އޭޕްރިލް 2023 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އީޕީއޭއަށް ހުށަހަޅައިދިނުމަށް ވެސް އެ އޭޖެންސީން ވަނީ އިހަވަންދޫ ކައުންސިލްގައި އެދިފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ރިޕޯޓުގައި މިހާތަނަށް ކަނޑާލާފައި ރުއްގަހުގެ މައުލޫމާތު ރުކުގެ އަދަދާއި، ގަހުގެ އަދަދު ހިމެނޭހެން އަންގައި ދިނުމަށާއި، އޭގެ ބަދަލުގައި އެއްވެސް ރުއްގަހެއް އިހަވަންދޫގައި އިންދާފައިވާނަމަ އެކަމުގެ ތަފްސީލް ހިމެނޭހެން އެކަމުގެ އެންމެހާ ތަފްސީލް ވެސް ހިމަނައިދިނުމަށް އެދިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލަށް ގުޅުމުން ވިދާޅުވީ، އީޕީއޭގެ އެފަދަ އެންގުމެއް ހިމެނޭ ސިޓީއެއް އެކައުންސިލަށް ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ކުރައްވަންޖެހޭ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!