މާލެ ސަރަޙައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށާއި އެ މަސައްކަތް ނިންމައި، ރިޕޯޓް ކުރެވޭނީ މެއި ނުވަތަ ޖޫންގެ ކުރީކޮޅު ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާއި ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި، ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

އަސްލަމް ވިދާޅުވީ އެ މަސައްކަތް ހިނގާ ގޮތް ކޮންމެ ދުވަހަކު ނުބަލާ ކަމަށާއި އެހެންނަމަވެސް ގެދޮރުވެރިޔާ ކޮމިޓީގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މީގެ އިތުރުން އިވެލުއޭޝަންތައް ނިމުނީމާ ކޮމިޓީން ރިޕޯޓު ކުރާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން މާލޭ ސަރަޙައްދުން 4000 ފްލެޓާއި، 3000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެ ތެރެއިން 2000 ގޯތި ގުޅީފަޅުން ދޫކުރާއިރު، 4000 ފްލެޓާއި، 1000 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެއިންނެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މި އަދަދު އިތުރުކޮށްދެއްވާނެކަމަށް ވެސް ރައީސް ސާލިހު ވަނީ ހާމަކުރައްވާފައެވެ.

ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލުމުން އާއްމުންގެ ފަރާތުން 30،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެއެވެ.

ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ސާފުކޮށް، އެތަންތަނުގައި މީހުން އާބާދުވުމަށްޓަކައި ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.