ދުނިޔެމަތީގައި ލިބޭ ކާމިޔާބީ ތަކަކަކީ ވަގުތީ ކާމިޔާބީ ތަކެއް ކަމަށާއި، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން ކަމަށް އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ.

އައްޝައިޚް އާމިރު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީ ސިޓީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

Ad
rt

''އިސްލާމީ ނަޒަރަކުން ވަގުތު'' މި މައުޟޫޢަށް ކުޅުދުއްފުށި ސިޓީގައި ތަޤްރީރައްވަމުން އައްޝައިޙް ޢަބްދުﷲ އާމިރު ވިދާޅުވީ ވަގުތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރެވޭނީ ހަޔާތުގެ ލަނޑުދަނޑިއެއް އޮތް މީހަކަށް ކަމަށެވެ. އަދި ދުނިޔެމަތީގައި ލިބޭ ކާމިޔާބީތަކަކީ ވަގުތީ ކާމިޔާބީތަކެއްކަމަށާއި ނަމަވެސް ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުންކަމުގައި ސައިޚް ވަނީ ވިދާޅުވެފައެވެ.

މާތްﷲ ގެ ވަޙީ ބަސްފުޅުތަކަށް އަލިއަޅުވާލައްވަމުން ޝައިޚް ވިދާޅުވީ ސުވަރުގެ ވަންނަ މީހާ ކާމިޔާބުވެއްޖެކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވާ ކަމަށާއި ކާމިޔާބާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރާ މީހާއަށް ކަމަށެވެ.

ސުވަރުގެއާ ހަމައަށް އިންސާނާއަށް ދެވޭނީ ޒުވާން އުމުރުގައި ހެޔޮކަންތައްކޮށް މާތްﷲ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައި ވަގުތު ހެޔޮގޮތުގައި ބޭނުން ކުރުމުން ކަމަށާއި، އެހެންކަމުން އިންސާނެއްގެ އެއްދުވަސް ހޭދަކުރާ ގޮތަށް ބަލައި، މާތް ﷲގެ ރުއްސެވުން ހޯދުމަށްޓަކައި މަސައްކަތް ކުރެވެނީ ކިހާ ވަގުތަކަށްތޯ ސުވާލުކުރެއްވިއެވެ.

ސައިޚް ވިދާޅުވީ، މުސްލިމެއްގެ ހަޔާތުގެ ކޮންމެ ކަމެއްވެސް ބިނާވާންޖެހޭނީ ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ދުނިޔަވީ މަސައްކަތްތަކާއި އާއިލާއާއި އަމިއްލަ ނަފްސަށް ވަގުތު ދީގެން ކަމަށާއި މިކަންކަމަށް ވިސްނަން ޖެހޭކަމަށެވެ.

މި ތަޤްރީރުގައި ޝައިޚް އާމިރު ވަނީ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންކަމަށްވެސް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެގޮތުން ފަހުން ކަންކަން ކުރުމަށް ނުބެހެއްޓުމާއި ބައެއް ކަންކަމުގައި ނޫނެކޭ ބުނުމުގެ މުހިންމުކަމާއި ކުރަންޖެހޭ ކަންކަން ބަދަލު ކުރިއަސް ކުރާ ކަންކަން ދޫކޮށް ނުލުމާއި، އެއްކަހަލަ ކަންކަން އެއް ވަގުތެއްގައި ކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި އިޙްޔާ ފޯރަމްގެ ބައިވެރިންގެ މެދުގައި ގުރުއަތުލުމެއް ބާއްވައި ނަސީބުވެރި 10 ފަރާތަކަށް ތަފާތު އެކު ހަދިޔާ ދީފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.