މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި "ސަމިޓް ފޮރ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި އިއްވެވި ޤައުމީ ބަޔާނުގައެވެ.

Ad
rt

ރައީސްގެ ބަޔާނުގައި ވަނީ 2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން ފިސްކަލް އެކައުންޓަބިލިޓީއާ ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ޤާނޫނަށް ދެ އިޞްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޕަރފޯމަންސް ބޭސްޓް ބަޖެޓިންގއާ ދިމާއަށް ދިޔުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި މިނިވަން މަދަނީ ޖަމްޢިއްޔާތަކުގެ މުހިންމު ދައުރު ފާހަގަކުރައްވަމުން ވިދާޅުވެފައި ވަނީ، މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންތައްތައްކަން ކަމަށެވެ. އަދި މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި ޖަމްޢިއްޔާތަކުގެ ޤާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަޞީލަތްތައް ފަހިކޮށްދީގެން މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެން.ޖީ.އޯ. ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށްވެސް އެ ޖަމްއިއްޔާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ވަޞީލަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަން ވެސް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.