ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީއާއި ހިއްސާކުރައްވަމުންނެވެ.

Ad
rt

ނަހުލާ ވިދާޅުވީ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅުއްވާފައިވާ ކަމަށެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި ރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރުމާއި، އެއް ގަރާޖަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކުރުމުގެ މައްސަލަތައް ގަވާއިދު ކޮމިޓީގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަށްވެފައިވާއިރު، އެކަމާއި ގުޅިގެން ނަހުލާ ވިދާޅުވީ ސަރުކާރު ބަދަލުވެގެން އައިފަހުން ގަރާޖު ސިޓީގެ ކަންކަން ރަނގަޅަށް ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

"އުޅަނދެއް ރަސްޖިސްޓްރީކުރުމަށް ގަރާޖަކަށް ހުއްދަ ދޭފަހުން، އެގަރާޖު ކެފޭއަކަށް ނުވަތަ ރެސްޓޯރަންޓަކަށް އެބަ ބަދަލުކުރޭ. އެއީ ކުރިން މިނިސްޓްރީ ހިންގުމަށް ތިބި ބަޔަކު ކުރައްވާފައިވާ ކަމެއް." ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްގަމު އުޅަނދުތައް އެއްވެސް ކޮންޓްރޯލެއް ނެތި އެތެރެކުރެކުރެވުމުގެ ސަބަބުން ގަރާޖުގެ މައްސަލަ އެންމެ ބޮޑީ މާލެ ސަރަހައްދުގައި ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް އިޞްލާހު ގެނައުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެއްގަމު އުޅަނދެއް ރާއްޖެ އެތެރެކުރުމަށް މިހާރުގެ ގާނޫނުން އެއްވެސް މީހަކަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެތެރެކުރާ އުޅަނދުތައް ރަޖިސްޓްރީކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ގާނޫނުން ލާޒިމު ކަމަށެވެ.

އެހެންވެ، އެކަންކަން ހައްލުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅުއްވާފައިވާކަމަށް ވިދާޅުވިނަމަވެސް އެ އިސްލާހު މަޖިލީހަށް ފޮނުއްވިކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

އެއްގަމު އުޅަނދުތަކުގެ އުމުރު ކަނޑައެޅުން ހިމެނޭހެން ތަފްސީލީ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާކަން ވެސް ނަހުލާ ވަނީ ފާހަގަ ކުރައްވާފައެވެ.