ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރަށް ބައިވެރިން ހޮވައިފިއެވެ.

މި މުބާރާތުގެ އޮޑިޝަން ބާއްވާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޮޑިޝަނުން މުބާރާތަށް ހޮވާފައި ވަނީ 20 ބައިވެރިންނެވެ. މި 20 ބައިވެރިންނާއިއެކު މުބާރާތުގެ ފުރަތަމަ ބުރުގެ ކިޔެވުން މި މަހުގެ 23 އަދި 24 ގައި ދިއްދޫގައި ހުންނަ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައިވާއިރު، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ދީފައިވަނީ ފުރަތަމަ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި 15 ބައިވެރިންނެވެ.

Ad
rt

މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ބައިވެރިން

  • ފާތިމަތު ލުޖައިން އިބްރާހީމް
  • މަރިޔަމް ދުޢާ އަލީ
  • ޢާއިޝަތު އަސްވާ އަޙްމަދު
  • މަރިޔަމް ނާޔާ އަޙްމަދު
  • ޢާއިޝަތު ރީޝް ނަސީމް
  • މުޙައްމަދު އިޒާން މުސްތަފާ
  • މަރްޔަމް ހިބާ ހުސައިން
  • ޢާއިޝަތު ރައިނާ ރަޝީދު
  • ހުސެއިން ޝަހުބާން
  • އަލް ހާފިޡާ ބައްސާމާ ސްލައިމާން
  • މަރްޔަމް މަހާ މުޙައްމަދު
  • އަބްދުﷲ ޒައިން ބިން މުޙައްމަދު
  • ޢާއިޝަތު ޝައުރާ މުޙައްމަދު
  • މަރްޔަމް އަޒާ އާދިލް
  • އަޙްމަދު މާހިލް މުޙައްމަދު

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެޔެވެ. ދެވަނަ ބުރުން ޖާގަ ހޯދި 15 ބައިވެރިންނާއިއެކު ކުރިއަށް ގެންދާ އެ ރޭގެ ކިޔެވުމަށް ފަހު ދެވަނަ ބުރުގެ ދެވަނަ ރޭގެ ޝޯއިން ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދިހަ ބައިވެރިންނަށެވެ.

ދެވަނަ ބުރުގެ ދެވަނަ ރޭގެ ކިޔެވުން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު، އެ ރޭގެ ޝޯގައި ކިޔަވާ 10 ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނެއެވެ.

މުބާރާތުގެ ފައިނަލް ދެ ރެޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފައިނަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 6 އަދި 7، މި ދެ ދުވަހުގެ ރެޔެވެ.

މުބާރާތުގެ ދެވަނަ ބުރަށާއި ފައިނަލް ބުރަށް ވެސް އިނާމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިނާމުގެ ގޮތުގައި ފައިސާގެ އިތުރުން އެ ބޭފުޅަކު ބޭނުން އެއްޗެއް ހުށަހެޅިދާނެ ކަމުގައި މިޑްލް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވައެވެ. އިނާމް ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 7656766، މި ނަމްބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް އެ ކުލަބުން އެދިލައްވައެވެ.

މި މުބާރާތުގެ ކޮންމެ ރެޔެއްގެ ވެސް ކިޔެވުން ކުރިއަށް ގެންދަނީ ކިޔެވުން އަޑުއެހުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުޞަތު ހުޅުވާލައިގެންނެވެ. މިގޮތުން ކިޔެވުން އަޑު އެހުމަށް ހާޟިރުވާ ކޮންމެ ބޭފުޅަކަށް ކޫޕަނެއް ދޫކުރާއިރު ކޮންމެ ރެޔެއްގެ ވެސް ޝޯ ނިންމައި ނަސީބުވެރި ފަރާތްހޮވައި ރޯދަމަހާއި ގުޅޭ އިނާމްތައް އަންނަނީ ދޫކުރަމުންނެވެ.

މި މުބާރާތަކީ ޓީވީއެމްއިން ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތު ގެ ޓައިޓަލް ސުޕޮންސަރ އަކީ ކޭޑީ އެންޓަރޕުރައިސަސް ޕުރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޔަލަމްލަމް ހައްޖު އެންޑު ޢުމުރާ އަދި ސަން އޮފް ސެއިލާސް އެވެ.

މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ފެނަކަ އަދި އުދަރެސް އިން، އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ހއ. އަތޮޅު ކައުންސިލް ، ހއ. ދިއްދޫ ކައުންސިލް، ހއ. ދިއްދޫ ޕޮލިސް، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ދިއްދޫ ކުރިމަ ގު ޖަމިއްޔާ އަދި މާހޯރައެވެ.

މުބާރާޓުގެ ސައުންޑް އެންޑް ލައިޓި ން ޕާޓްނަރ، ވި ކިކް، ޕްރިންޓިން ޕާޓްނަރ، އިންކް ބްލިންކް، ޑިޖިޓަލް ޕާޓްނަރ، ދިރާގު، އޮފިޝަލް ފުޓޯގުރަފާ ، ޒެރޯ ކްލިކްސް، އޮންލައިން މީޑިއާ ޕާޓްނަރ، ސަން އޮންލައިން ،ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން، ޓުރެވެލިންގ ޕާރޓްނާރ ، އޯޝަން ލޯންޗް އެވެ.

އިތުރު ޕާޓްނަރުންގެ ތެރޭގައި އަލްޓްރާ ފެޝަން، އާހިޔާ ރެސިޑެންސް، އީޒީ ފިލިންގ، ދިއްޤާ ފައުންޑޭޝަން، އަލްފާ އިންޖިނިއަރިން، ނާޑު، ރަހަދާނާ، ރިންގް ޝޮޕް، އަލްމަރުޙޫމް އަބޫބަކުރު އަލީ (ކަނޑިތީމު އަބޫބަކުރު ) ހިމެނެއެވެ.

މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިއްދޫގެ އާބާދީގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ތަޖުވީދު ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމާއި، ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމާއި، ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރަށް ވީ ހިނދު އެ މައްސަރުގައި ޤުރުއާނަށް ދޭ އަހަންމިއްޔަތު އިތުރު ކުރުމުގެ އިތުރުން އެ ރަށުގައި ހާފިޟުން އުފެއްދުމާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި ދިއްދޫ ތަމްސީލުކުރާނެ ދަރިން ތައްޔާރު ކުރުން ހިމެނެއެވެ.

މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ

މިއީ ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތް މިޑްލް ސްޕޯޓްސް ކުލަބުން ބާއްވާ ދެވަނަ ފަހަރެވެ.