މާދަމާ މިފެށޭ މި އަހުގެ ރޯދަ(ރަމަޟާން) މަހަކީ އަޅުކަމުގައި ހީވާގިވެ އަނެކުންނަށް އެހީތެރިވުމާއި ދީލަތުވުމުގައި އަތްތައް ގުޅައިލަންވީ މައްސަރު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، 1444 ވަނަ އަހަރުގެ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް ވިދާޅުވީ، ރޯދަ މަހަކީ އަޅުކަމާއި ތަޤްވާވެރިކަމުގެ މޫސުން ކަމަށެވެ. އަދި އެއީ ކީރިތި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރު ކަމަށް ވިދާޅުވިއެވެ.

‘’އަހަރަކު އެއް ފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ މި މަތިވެރި މައްސަރަކީ، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާ ވަރަށް އަގުހުރި ރަނުގެ ފުރުޞަތެކެވެ. އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިޞްލާޙްކޮށް، ޙަޔާތުގެ އާބާތުރަ ފިލުވައި، އިޞްލާޙްގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، އެކަލާނގެ ދެއްވާ މަތިވެރި ފުރުޞަތެކެވެ.’’ ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައިވާގޮތުގައި ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުމެވެ. އަދި އެ ގުޅުން ކެނޑިގެން ނުދާނެ ގޮތުގެ މަތިން، ދުނިޔަވީ ދިރިއުޅުމުގެ ކަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަތިވެރި ފިލާވަޅު ކަމަށް ވިދާޅުވެފަވެއެވެ.

ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ، ކެތްތެރިވުމާއި ތަޙައްމަލު ކުރުމަށް ތިމާގެ ނަފްސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުން ކަމަށާއި، އިސްރާފުކުރުންތަކާ ދުރުހެލިވެ، އިޤްތިޞާދު ކުރުމުގެ އާދަ ހަރުލެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރޯދައިގެ އަޚްލާޤީ ފިލާވަޅަކީ، ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިޚްތިޔާރުކުރުމެވެ. އަދި ރޯދައިގެ އިޖްތިމާޢީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުމެވެ.

‘’މި ބަރަކާތްތެރި މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާނާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.’’ ރައީސް ވިދާޅުވެފަވެއެވެ.

ވަކިން ޚާއްޞަކޮށް، މި މައްސަރަކީ، ޙަސަދައާއި ރުޅިވެރިކަމާއި ނަފްރަތުން އެއްކިބާވެ، ދޭދޭ މީހުންގެ ދެމެދުގައި، އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ މައްސަރެއް ކަމުގައި ހަދައި، މައިންބަފައިންނާއި ޢާއިލާގައި ތިބި ޢުމުރުން ދުވަސްމީ މީހުންނާ އެކުގައި ވަގުތު ހޭދަކޮށް، އެމީހުންގެ އުދާސްތަކަށް ލުޔެއް ހޯދައިދެވޭތޯ ގަދައަޅައި މަސައްކަތް ކުރާ މައްސަރަކަށް މި މައްސަރު ހެދުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.