ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަކަށް މިއަދު އައްޔަންކޮށްފިއެވެ.

އޭނާ މިމަގާމަށް ހަމަޖެއްސި ނަމަވެސް އޮފީހަށް ނުނިކުންނަވައެވެ.

Ad
rt

ބްރޯޑްކޮމް ގެ ނައިބު ރައީސް ކަމުގެ މަގާމުން ގައިސް އިސްތިއުފާ ދެއްވީ މިއަހަރުގެ ޖެނުއަރީ ކުރީކޮޅުގައެވެ. އެއީ ރައީސް ސާލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ބުނެއެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ގައިސް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު، 2019 ގައެވެ. ގައިސް އަކީ އެފްއެސްއެމް ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ގަސަމްގެ ކޮއްކޮއެވެ.

ގދ. އަތޮޅު ކައުންސިލަރު ކަމާއި އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ގައިސް ވަނީ އެންމެ ފަހުން ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވެސް ގައިސް ވާދަކުރައްވާފައެވެ.

އެހެންނަމަވެސް އޭނާ އަށް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. ސެޕްޓެމްބަރު 4، 2022 ގައި އޭނާ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމާއެކު، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ މިއަދާ ހަމައަށް ހުސްކޮށެވެ.