ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އައު ދައުރެއް ކާމިޔާބުކޮށް ދިނުމަށް މިހާތަނަށް އެއްބަސްވުމަކަށް އައިސްފައިވާ ކޯލިޝަން އޮތީ މިހާރު ވެސް ރޭހުގެ މާ ކުރީގައި ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ)އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙް އިއްޔެ ވަނީ ބައްދަލު ކުރައްވާފައެވެ.

Ad
rt

އެ ބައްދަލުވުމަށްފަހު މީސްމީޑިއާ މެދުވެރިކޮށް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ، މާތް ﷲ ގެ ވާގިފުޅާއެކު އައު ކޯލިޝަން މިހާރު ވެސް އޮތީ ރޭހުގެ މާ ކުރީގައި ކަމަށެވެ.

''ރައީސް ޞާލިޙާއެކު އިތުރު ދެ ޕާޓީ، އެހެން ބޭފުޅުން އަދި ކެންޑިޑޭޓަކާބެހޭ މަޝްވަރާތަކުގައި'' އިމްރާން ވިދާޅުވިއެވެ.

މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ވަކިން ރިޔާސީ އިންތިޚާބަށް ނުކުތުމަށް ނިންމެވުމުން އެ ދުވަހު އިމްރާން ވަނީ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ކޯލިޝަނަށް 51.2 އިންސައްތަ ވޯޓުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އިއްޔެގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީ އަށް ދެއްވި ދައުވަތަށް ރަސްމީ ޖަވާބެއް ލިބިވަޑައިގަންނަވަންދެން މަޑުކޮށްލައިގެން ހުންނެވި ކަމަށާއި އެހެން ނަމަވެސް އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށެވެ.