•  
  •  
  •  
  •  
  •  
  •  

ހއ. މުރައިދޫ ޒުވާނުންގެ މެދުގައި އިންތިޒާމްކޮށް ބާއްވަމުން އަންނަ ކިންގް ކަޕް ގެ ތަށި 3 އަހަރުގެ މެދު ކެނޑުމަކަށްފަހު އެފްސީ ބާރކް ފޮކްސް ހޯދައިފިއެވެ.

އެފްސީ ބާރކް ފޮކްސް ތަށި ހޯދާފައިވަނީ އެފްސީ ޔޯގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރި ހޯދައެވެ. އެފްސީ ޔޯ އަކީ ވޭތުވެދިޔަ ދެއަހަރު ޗެމްޕިއަން ޓީމަށް ވާއިރު މި އަހަރު އެޓީމް ނުކުތީ ތަށި މިލްކު ކުރުމަށެވެ.

މި މުބާރާތުގައި މިއަހަރުވެސް ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެފްސީ ބާރކް ފޮކްސް، ޓީމް އޮމެލޭ، އޯލްއެޓޭކް، އެފްސީ ޔޯ ގެ އިތުރުން ޔަންގް ވިކްޓުރީ ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް އެފްސީ ބާރކް ފޮކްސްގެ ސިރާތު އަބުދުލް އަޒީޒް ހޮވިފައިވާއިރު އެންމެ މޮޅު ޑިފެންސްގެ މަގާމްވެސް ލިބިފައިވަނީ އެޓީމްގެ އަސްރާރް އަބްދުﷲ އަށްށެވެ. އެންމެ މޮޅު މިޑްފީލްޑަކަށް އެޓީމްގެ އޮސްކާއަށް ލިބިފައިވާއިރު 19 އަހަރުން ދަށުގެ އެންމެމޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމަ އެޓީމްގެ އުފާލް އަބުދުﷲ އެވެ. 21 އަހަރުން ދަށުގެ އެންމެމޮޅު ކުޅުންތެރިއަކަށް އެޓީމްގެ ރައިޝާން ސަލީމް ހޮވިފައިވާއިރު ފެއާރ ޕްލޭ ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ރައިޝާން ސަލީމެވެ.

އެންމެ މޮޅު ކީފަރަކަށް އެފްސީ ބާރކް ފޮކްސްގެ ކީޕަރު ހޮވިފައިވާއިރު މިމުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކީ އެފްސީ ޔޯ ގެ ނޫރުﷲ ތޯހާއެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް އެފްސީ ޔޯގެ ނަދީމް ނަވާޒް ވަނީ ހޮވިފައެވެ. ހުރިހާ ގޮތަކުންވެސް އެފްސީ ބާރކް ފޮކްސް މި ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ.

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ޔަންގް ވިކްޓުރީ ހޮވިފައިވާއިރު، މި މުބާރާތުގެ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނަކީ ބާރަށުދާއިރާގެ މެމްބަރ އަހުމަދު އަބުދުﷲއެވެ.

ކިންގް ކަޕް ފުޓްބޯޅަ މުބާރާތަކީ ބޮޑު ތިލަދުންމަތީގައި މެދުކެނޑުމެއްނެތި ހިންގާ އެންމެ ދުވަސްވީ އެއްމުބާރާތައްވާއިރު މި މުބާރާތް މިހާރު ހިންގަމުން އަންނަނީ ހއ.މުރައިދޫ ކައުންސިލުންނެވެ. މިމުބާރާތަކީ ހއ މުރައިދޫގެ ޒުވާނުންގެ މެދުގައި 20 އަހަރު ކުރިން އިންތިޒާމްކޮށް ބާއްވަމުންދާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ ޗެމްޕިއަން އެފްސީ ބާރކް ފޮކްސްއިން މިވަނީ ޖުމްލަ 7 ފަހަރު މި މުބާރާތް ކާމިޔާބްކޮށްފައެވެ. މި މުބާރާތަކީ މެދުނުކެނޑި ރާއްޖޭގެ ރަށެއްގައި ބާއްވާ އެންމެ ގިނަދުވަސްވީ މުބާރާތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚިޔާލު

Your email address will not be published.