ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

Hajju 1443

މި އަހަރުގެ ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފިރިހެނުން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން އަނެއްކާވެސް އިޢުލާން ކޮށްފިއެވެ.

އެ ކުންފުނިން މި އަހަރު ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފިރިހެނުން ހޯދަން މި މަހު ހަތްވަނަ ދުވަހު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް އެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ލިބިފައިނުވާތީ އެ ކުންފުނިން މި ވަނީ މީހުން ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކޮށްފައެވެ.

މި މަގާމުތަކުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަސާސީ ތަޢުލީމް ހާސިލް ކޮށްފައިވާ ފަރާތަކަށް ވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުމެވެ. މީގެ އިތުރުން މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މި މަގާމްތަކަށް ނަގާ މީހުންގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ދަތުރުގައި ޙައްޖުވެރިންނަށް އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމާއި، ބާޒާރުކުރުމާއި ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނެސް ގުދަން ކުރުމުގެ އިތުރުން ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން ޙައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލު ކުރުމަށް މަސައްކަތް ކުރުމެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ހައްޖާއި އުމުރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" މިމަހުގެ 22 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް އެ ކޯޕަރޭޝަނުން އެދިލައްވައެވެ. ފޯމު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ވެބްސައިޓުން ލިބިލައްވާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި