ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ.
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ.
ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު، ފުލުހުންނާއި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް. އެގޮތުން ފުލުހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާ ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރު ކުރަން ޖެހޭ." ރައީސް ވިދާޅުވިއެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުށްވެރިން ކުށްކުރާ ގޮތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ފުލުހުން ފާރަވެރިވުން މުހިންމުކަމަަށެވެ.
ރައީސް ވިދާޅުވީ މުޖްތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާވާ ކަންކަން ތަފާތުވަމުން، ބަދަލުވަމުން އަންނަކަމަށާއި އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅި ވެސް ބަދަލުވަމުން އަންނަކަމަށެވެ. އަދި އެފަދަ ކުށްތައްކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު ގާނޫނުގެ އަަތްދަށު ނުވުމަށް ރާވާ ރޭވުންތައް ވެސް ބަދަލުވަމުން، ތަފާތުވަމުންދާކަން ފާހަގަ ކުރެއްވިއެވެ.
މީޯގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިކަންކަމުގެ ސަަބަބުން ފުލުހުންގެ ތައްޔާރީ ހާލަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާ ކަމަށާއި އެ ބަދަލުތަކާއި އެކަށޭނެ ގޮތަށް ފުލުހުންގެ ޚިދުމަތަށް ބަދަލު ގެނައުމަށް ބޮޑެތި އިސްކަމެއް ދޭންޖެހޭ ކަމަށެވެ.
ދަރުބާރުގޭގައި ތިން ދުވަހުގެ މުއްދަތަށް މިއަދު ފެށި ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ރާއްޖޭގެ ޔުނިވަރސިޓީތަކާއި ގުޅުންހުރި އިދާރާތަކުން ބައިވެރިވެއެވެ.
މި ކޮންފަރެންސަށް މިއަދު 10 ރިސަރޗް ކަރުދާސް ހުށަހެޅުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ދެ ކަރުދާހަކީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ހުށަހަޅާ ދެ ކަރުދާހެވެ.
މި ކޮންފަރެންސްގެ ތިން ވަނަ ދުވަހު ކުރިއަށް ގެންދާނީ ފުލުހުންގެ ޚިދުމަތް އާންމުންނަށް ދިނުމާއި ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރުމެވެ.