ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ބެޓިސްގެ ދަނޑުގައި ކުޅުނުއިރު ރޭ މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. ރޭ ޔުނައިޓެޑުން ބެޓިސް ބަލިކުރީ 1-0 ގެ ނަތީޖާއިންނެވެ. މި ނަތީޖާތަކާއިއެކު ޔުނައިޓެޑަށް ކުއާޓާގެ ޖާގަ ލިބިފައި ވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 56 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ. މިއީ ޔޫރޮޕާ ލީގުގެ މި ސީޒަންގައި ރަޝްފޯޑް ޖެހި ހަވަނަ ލަނޑެވެ.
ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ސެވިއްޔާއިން ވަނީ ފެނަބާޗޭ ބަލިކޮށް ކުއާޓާއިން ޖާގަ ހޯދާފައެވެ. ފޭނޫޑުން ވަނީ ރޭ މެޗުގައި ޝަކްތާ ޑޮނެސްކް ކޮޅަށް ހަތް ލަނޑުޖަހައި މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރު ކޮށްފައެވެ.
ރެއާލް ސޮސިއެޑާޑްއާއި ރޯމާ ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއިން އެއްވަރުވީ ނަމަވެސް ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި ރޯމާ ވަނީ ކުއާޓާއިން ޖާގަ ހޯދާފައެވެ. އިޓަލީގެ ޔުވެންޓަސް ރޭ ވަނީ 2-0 ގެ ނަތީޖާއިން ފްރެއިބާގް ބަލިކޮށް ކުއާޓާއަށް ދަތުރު ކޮށްފައެވެ.