ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިންގެ ރެއާލް މެޑްރިޑާއި ނަޕޯލީ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި، ލިވަޕޫލާއި ރެއާލް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ނަތީޖާއިންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ރެއާލުގެ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗު ރެއާލުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާ 6-2 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައެވެ.
ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މެޗު ޑޮމިނޭޓް ކޮށް ގިނަ ފުރުޞަތުތައް ހޯދާފައި ވަނި ރެއާލުންނެވެ. ނަމަވެސް މުޅި މެޗުގައި ވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ފެނުނީ ވަރަށް ފޯމުގައި ކުޅުނުތަނެވެ. އޭނާ ވަނީ ރެއާލުން އުފެއްދި ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.
މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކަރީމް ބެންޒެމާއެވެ.
މުބާރާތުގެ ގަދަ ސޯޅައިގެ ބުރުގައި ރޭ ޖަރުމަނުގެ ފްރޭންކްފާޓްގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ކުއާޓާއިން ނަޕޯލީ ވަނީ ޖާގަ ހޯދާފައެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނުއިރު އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ނަޕޯލީއެވެ. ރޭ ނަޕޯލީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނަޕޯލީން ވަނީ 3-0 އިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައެވެ.
މި މެޗުގައި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ނަޕޯލީގެ ފޯވާޑް އޮޝީމެން ވަނީ ދެ ލަނޑު ޖަހާފައެވެ. ނަޕޯލީއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޒިއެލިންސްކީއެވެ.
މުބާރާތުގެ ގަދަ ސޯޅައިގެ ބުރު ނިމިފައިވާއިރު، މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައި ވަނީ ރެއާލް މެޑްރީޑް، ނަޕޯލީ، އޭސީ މިލާން، ބަޔާން މިއުނިކް، ބެންފީކާ، ޗެލްސީ، އިންޓަ މިލާން އަދި މެންޗެސްޓާ ސިޓީއެވެ. ކުއާޓާ ފައިނަލުގައި ޖެހޭނެ ޓީމެއް ކަނޑައަޅާނީ މާދަމާ ބާއްވާ ގުރުއަތުލުމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!