ހއ. ބާރަށު އަންހެނުންގެ ފޯރިގަދަ ފުޓްސެލް މެޗަކަށްފަހު، އެލަޔަންސް ފުޓްސެލް ކަޕް 2019 އިއްޔެ ފަށައިފިއެވެ.
އިއްޔެ ހަވީރު ބާރަށު ފުޓްސެލް ދަނޑުގައި ފެށި އެލަޔަންސް ފުޓްސެލް ކަޕް 2019 ހުޅުވުމުގެ ގޮތުން އަންހެނުންގެ ހާއްސަ ފުޓްސެލް މެޗެއް ކުޅެވުނުއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބާރަށުގެ ތަރައްގީއަށް ހާއްސަ މަސައްކަތްތަކައް ކުރައްވާފައިވާ އިބްރާހީމް ތައުފީގެވެ.
އެލަޔަންސް ސްޕޯޓްސް ކުލަބުގެ އިންތިޒާމް ސެކެޓްރީ ހަސަން މީޝާޤު ވިދާޅުވީ އަންހެނުންގެ ފުޓްސެލް މެޗެއް މުބާރާތް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔައީ އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް ކަމަށެވެ.
”އަންހެނުންގެ ފުޓްސެލް މެޗަކުން މުބާރާތް ފެށުމުގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ފުޓްބޯޅަ ބާރަށުގައި ކުރިއެރުވުން. ފުޓްބޯޅަ ކުޅުމަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ކުޅިވަރެއް ނޫންކަން އަންގައިދީ، އަންހެނުންނަށް ފުޓްބޯޅަ ކުޅުމަށް ހިތްވަރު ދިނުން،“
މީޝާޤު ވިދާޅުވިއެވެ.
އަންހެނުންގެ ފުޓްސެލް މެޗަށްފަހުވަނީ މުބާރާތުގެ ފުރަތަމަ މެޗް ކުޅެފައެވެ. އެ މެޗްގައި ބައްދަލުކޮށްފައިވަނީ ގްރޫޕް ”ސީ“ގެ ދެޓީމު ކަމަށްވާ އައިރިސް އާއި ވިޔޯރާ ސިޓީއެވެ.19-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްފައި ވަނީ ވިޔޯރާ ސިޓީއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވިޔޯރާ ސިޓީގެ އަބްދުﷲ މިސްބާހެވެ. މިސްބާހު ވަނީ މި މެޗްގައި 10 ލަނޑު ޖަހައިފައެވެ.
އިއްޔެ ފެށިގެން މި މަހު ނުވަޔަކަށް ބާރަށު ފުޓްސެލްދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.
ބާރަށުގައި ފުޓްބޯޅަ ކުރިއަރުވައި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެލަޔަންސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ މެޗްތައް މިރޭވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު