ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ގައި އިއްޔެ ކުޅުނު މެޗުތައް ހިޔަލައާއި ރެއަރ ސްކޮޑުން ކާމިޔާބު ކޮށްފިއެވެ.
މުބާރާތުގެ ތިންވަނަ ދުވަހުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ހިޔަލައާއި ބެއާފޫޓެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހިޔަލަ ޓީމުންނެވެ. މި މެޗުގެ ސެޓްތައް އެ ޓީމުން ގެންގޮސްފައި ވަނީ 25/14، 25/7، 25/21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހިޔަލަ ޓީމްގެ ޖޯޒީ ނަމްބަރު 9، އައިމިނަތު އަރީޝާއެވެ.
މުބާރާތުގެ ތިންވަނަ ދުވަހުގެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ ރޫހްއާއި ރެއަރ ސްކޮޑެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ ރެއަ ސްކޮޑުންނެވެ. މި މެޗުގެ ސެޓްތައް އެ ޓީމުން ގެންގޮސްފައި ވަނީ 25/09، 26/24، 25/20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ރެއަރ ސްކޮޑް ޓީމްގެ ޖޯޒީ ނަމްބަރު 12، ޝަހުމީލާ އަބްދުލްހަކީމެވެ.
މުބާރާތުގެ ހަ މެޗު މިހާރު ކުޅެ ނިމިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވި ޓީމް އުންމީދެވެ. ދެވަނާގައި އޮތް ހިޔަލަ ޓީމަށް ވެސް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ތިންވަނާގައި ރެއަރ ސްކޮޑު އޮތްއިރު ތާވަލުގެ ފުލުގައި އޮތް ރޫހަށާއި ބެއާފޫޓަށް އަދި ޕޮއިންޓެއް ހޯދިފައި ނުވެއެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ބެއާފޫޓާއި ޓީމް އުންމީދެވެ. މި ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިޔަލައާއި ރެއަރ ސްކޮޑެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ކަނބަލުންގެ މެދުގައި ވޮލީ ބޯޅައިގެ ހުނަރު އިތުރުކޮށް، ވާދަވެރި މާހައުލެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހަނިމާދޫގެ ކަނބަލުންނަކީ އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިންނަށް ހެދުމެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް އަދި ޕެންޓަގްރާމް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!