ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަވަނީ ހިތްވަރުގަދަ އަދި ނަތީޖާ ނެރޭ ފިސާރި ބައެއްގެ ގޮތުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ރޭ ދެއްކެވި ވާހަކާގައި ނަހުލާ ވިދާޅުވީ، ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ މައިދާނުގައި ފިޔަޖަހާ ބައެއްގެ ގޮތުގައި ދިވެހި އަންހެނުން ފާހަގަވާއިރު، ގައުމުގެ ނިންމުންތައް ނިންމުމުގެ މަތީފަޑީގައި ތިބި ތޫނުފިލި ބައެއްގެ ގޮތުގައި ވެސް ދިވެހި އަންހެނުން ފާހަގަވާ ކަމަށެވެ. އަދި ތައުލީމީ ޖީލެއް ބިނާކުރުންމަތީ ތިބި އަދި މާދަމާގެ ޖީލު ބައްޓަންކުރާ ބައެއްގެ ގޮތުގައިވެސް ފާހަގަކުރެވޭ ކަމަށެވެ.
މީގެ އިތުރުން މި ގައުމު ކުރިއަރުވައި، ރޯޝަން ކުރާނެ ބައެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ޔަގީންވެ، ކަށަވަރުވާ އެއްކަމަކީ މިއަދަކީ އިއްޔެ ނޫން ކަން. އިއްޔެ ނެތް އެތައް ފުރުސަތެއް މިއަދު މިވަނީ ތަނަވަސްވެފަ. އެމީހަކު ބޭނުން ދާއިރާއަކުން ދުލާއި ގަލަމުގެ މިނިވަންކަން މިއަދު މިވަނީ ކަށޑަވަރުވެފަ." ނަހުލާ ވިދާޅުވިއެވެ.
ހަމަމިއާއެކު ނަހުލާ ވަނީ ނުހަނުބާރަށް މިއަންނަ ތަރަައްގީގެ އޮއިވަރުގައި ގައުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން އަންހެނުން ތިއްބާ، އަންހެނުން ބިކަކޮށް، ބާކީކޮށްފައި ހޯދަން އުޅޭ ތަރައްގީ ހޯދާނީ ކިހިނެއް އަދި ކޮންތާކުންތޯ ސުވާލު ކުރައްވާފައެވެ.
'' އަންހެންބޭފުޅުން ބާރުވެރިކުރުވުމާއި އަދި އެބޭފުޅުންނަށް އޮތް ފުރުސަތުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، އަޅުގަނޑުގެ ހިތުގަ ތަރުތީބު ވަމުން ދަނީ ރާއްޖޭގެ އަންހެން ދަރިންނަށް ތައުލީމު ދިނުމަށް ހާއްސަ ކުރެވިގެން ހުޅުވުނު އަމީނިއްޔާ ސްކޫލުގެ ދިވެހި މުދައްރިސް ޒަރީނާ އަބްދުﷲ ވިދާޅުވި ހިތްގައިމު ބަސްފުޅު! އާދެ! ރޯޝަންކަން ލިބި އަންހެނުން، ރޫހެއްގައި ގެންނާނަމޭ، ޖޯޝުން ހިތްވަރު އާކުރަން އަދު ގުރުބާން ޖާނުންވާނަމޭ! މި ނިދާގެ އަޑުން ހިތްވަރު ލިބި އަޅުގަނޑުމެން ކުރިއަށް ދާ އިރު! މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެންބޭފުޅުން ފާހަގަ ވަނީ ހިތްވަރުގަދަ ބައެއްގެ ގޮތުގައި! ނަތީޖާ ނެރޭ ފިސާރި ބައެއްގެ ގޮތުގައި!'' ނަހުލާ ވިދާޅުވެފަވެއެވެ.
މިންތީގެ ހަމަހަމަކަމުގެ ވާހަކައަކީ އަބަދުވެސް އަޑުއިވޭ އަދި ދައްކާ ވާހަކައެއް ކަމަށާއި އެހެންކަމުން ކަނބަލުންނަށް ފުރުސަތު ދިނުމުގައި ފަސްނުޖެހުމަށް ނަހުލާގެ ވާހަކާގައި ރޭ ވަނީ ގޮވައިލައްވާފައެވެ. އަދި ފުރުސަތު ދޭންވީ ހަމައެކަނި ވަކިކަހަލަ މަސައްކަތަކަށް ނުވަތަ ވަކި ޒާތެއްގެ ޒިންމާއަކަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!