ހއ. އިހަވަންދޫ ކައުންސިލަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ޢައްޔަނުކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަށް އިހަވަންދޫ ކައުންސިލްގައި ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށް ދިނުމަށް އިހަވަންދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ސީއެސްސީން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާނެ ފަރާތެއް ނެތް ރަށެއްގެ މައްސަލައެއް ކުރިމަތިވެފައިވާތީ އެފަދަ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާ ގުޅޭގޮތުން ލަފައެއްހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ރައްޔިތުންގެ މަޖިލިސްގެ ލާމަރުކަޒީ ކޮމެޓީއަށް ސިޓީ އެއް ފޮނުއްވާފައެވެ. އެ ކޮމެޓީން ވަނީ އެ ސިޓީއާއި ގުޅޭގޮތުން ސީއެސްސީ އާއި އެލްޖީއޭ އާއި އެކު މަޝްވަރާ ކުރެއްވުމަށް 7 މާރިޗް 2023ގައި ބައްދަލުވުމެއް ބާއްވާފައެވެ.

Ad
rt

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވިގޮތުގައި ޤާނޫނުން އެ ކޮމިޝަނާއި ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި އެސްޖީން އައްޔަނުކުރުމަށް މަތިކޮށްފައިވާއިރު، އެއީ ސިވިލް ސާވިސްގެ މަގާމެއްކަން އެނގެން އޮންނަ ކަމަށެވެ. އެހެންވެ އެ މަގާމަށް މީހުން ހޮވުމުގައި ޢަމަލު ކުރަމުން އަންނަނީ ސިވިލްސާވިސްގެ އުސޫލުތަކަށް ކަމަށާއި، މީހުން ނަގަނީ މެރިޓަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާޙުގެ ދަށުން އެސްޖީން ނަގާއިރު ކައުންސިލްތަކުގެ ލަފާ ހޯދުމަށް އޮތް ނަމަވެސް، ''ލަފާ'' އަކީ ''ރުހުން'' ދިނުން ގޮތުގައި މާނަ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ނާސިހް ވިދާޅުވީ، މިހާތަނަށް ތިން ކައުންސިލަކަށް އެސްޖީން އައްޔަނު ކުރުމުގައި ވަނީ މައްސަލަ ކުރިމަތިވެފައެވެ. އެކައުންސިލް ތަކަށް އެސްޖީން ވަޒީފާއަށް ނުކުތުމަށް ކައުންސިލުންތަކުން ހުރަސްއެޅި ކަމަށް ވެސް ވިދާޅުވިއެވެ. މިގޮތުން ށ. އަތޮޅު ކައުންސިލަށް އެސްޖީ އެއް ނެގުމުގައި ށ. އަތޮޅު ކައުންސިލާ ކޮމިޝަނާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ހައްލު ނުލިބުމުން އެސްޖީ ވަޒީފާއަށް ނެރުމުގެ މައްސަލަ ކޯޓަށް ވެއްދި ކަމަށް ވިދާޅުވިއެވެ. އަދި ކޯޓުގައި އެ މައްސަލަ ދިގުލާފައި ވަނިކޮށް އެސްޖީއަކަށް އައްޔަނު ކުރި ފަރާތް އިސްތިއުފާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްޖީ އެއް ޢައްޔަނުކުރާ ހިސާބުން މަސައްކަތްކުރަން ފުރުސަތު ނުލިބުނު ނަމަވެސް ދައުލަތުން ވެސް ޚަރަދުތަކެއް ވެސް ހިނގާކަމަށެވެ. އެސްޖީއެއް އައްޔަނުކޮށްފިނަމަ އައްޔަނުކުރާ ދުވަހުން ފެށިގެން މުސާރަ ދޭންޖެހޭނެ ކަމަށް ވަޒީފާއާއި ބެހޭ ޓްރިބިއުނަލުން އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ދެވަނަ އަށް މައްސަލަ ދިމާވީ ނ. މިލަދޫ ކައުންސިލްގެ އެސްޖީ ޢައްޔަނު ކުރުމުގައިކަން ފާހަގަ ކުރައްވައި ނާޞިޙް ވިދާޅުވީ، އެ ރަށު ކައުންސިލަށް ޢައްޔަނު ކުރެއްވި އެސްޖީ އަށް މަސައްކަތަށް ނުކުތުމުގައި ކައުންސިލުން ފުރަތަމަ ދެކޮޅު ހެދިނަމަވެސް ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރެވުނު ކަމަށެވެ.

''ދެން އިހަވަންދޫ ކޭސްގައި އަދި ހައްލެއް ނުލިބޭ، އަޅުގަނޑުމެން އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން މިއުޅެނީ'' ނާސިޙް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ލަފަޔާ ޚިލާފަށް އެސްޖީން ޢައްޔަނުކުރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: އެލްޖީއޭ

އިހަވަންދޫ ކައުންސިލްގެ އޮފިޝަލަކު ''ތިލަދުން'' އަށް ވިދާޅުވީ، އެރަށު އެސްޖީގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މާރިޗް 1 އިން ފެށިގެން 7 ދުވަހުގެ މުހުލަތެއް އެރަށު ކައުންސިލަށް ސީއެސްސީން ދިން ކަމަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ހައްލު ނުވެއްޖެނަމަ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާނެކަން މާރިޗު 1 ގައި ސީއެސްސީން އިހަވަންދޫ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އިހަވަންދޫ ކައުންސިލަށް އެސްޖީ އެއް ޢައްޔަނު ކުރުމަށް ސީއެސްސީން އިހަވަންދޫ ކައުންސިލްގެ ލަފަޔަކަށް އެދުމުން އެ ކައުންސިލްގެ ޢާންމު ޖަލްސާއަކުން އެ ކައުންސިލްގެ އެސްޖީއަކަށް ޢައްޔަނު ކުރުމަށް ސީއެސްސީން ކަނޑައަޅާފައިވާ ފަރާތް އެ މަޤާމަށް ޢައްޔަނުކުރަން ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ. ނަމަވެސް އިހަވަންދޫ ކައުންސިލުން އެ ނިންމުން ނިންމާފައި ވަނީ ސަބަބެއް ބަޔާންކުރުމެއް ނެތިކަމަށް ވިދާޅުވެ، ސީއެސްސީން ވަނީ އެރަށު ކައުންސިލަށް އެސްޖީއެއް ޢައްޔަނުކޮށްފައެވެ.

އެ މައްސަލާގައި އިހަވަންދޫ ކައުންސިލުން، ކައުންސިލްތަކުގެ ބެލެނިވެރިފަރާތް، އެލްޖީއޭ އަށް ފޮނުވި ސިޓީއެއްގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްތަކުގެ ލަފަޔާއެކު ކައުންސިލްތަކަށް އެސްޖީން އައްޔަނު ކުރާނީ ސީއެސްސީން ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އިހަވަންދޫ ކައުންސިލަށް އެސްޖީއެއް އައްޔަނުކުރީ އެ ކައުންސިލްގެ ނިންމުމަށް ރިޢާޔަތް ކުރުމެއްނެތި، އެ ކައުންސިލްގެ ލަފަޔާ ޚިލާފަށް ކަމަށް ވަނީ ވިދާޅުވެފައެވެ.