ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައި ހަމަޖެހިލައިފިއެވެ.

ރޭ އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި ބާސާއިން ވަނީ 1-0 ގެ ނަތީޖާއިން އެ ޓީމް ބަލިކޮށްފައެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ފުރަތަމަ ލިބުނީ ބާސާއަށެވެ. ބާސާގެ ފޯވާޑް ލެވަންޑޯސްކީ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ބިލްބާއޯގެ ކީޕަރެވެ. ފުރަތަމަ ހާފުގައި ލީޑު ނަގަން ރަނގަޅު ފުރުޞަތެއް ބިލްބާއޯގެ ރައުލް ގާސިއާއަށް ވެސް ވަނީ ލިބިފައެވެ. ކޯނަރަކުން ތަނަވަސްވީ ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ބާސާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބާސާއިން ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. އެ ލަނޑު ބުސްކެޓްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަފީނިއާއެވެ.

މެޗުގެ ދެވަނަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ބިލްބާއޯއިންނެވެ. މިގޮތުން އެ ޓީމްގެ އަލެކްސް ބެރެންގުއާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް އިނާކީ ވިލިއަމްސް ބިލްބާއޯއަށް ލަނޑެއް ޖަހައިދިން ނަމަވެސް އެ ޗާންސް ކްރިއޭޓް ވުމުގެ ތެރޭގައި ބިލްބާއޯގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއަށް ވަނީ ކުޅުނު 25 މެޗުން 65 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. މި ދެ ޓީމްގެ ދެމެދުގައި މިހާރު 9 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.