އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ވެމްކޯ އަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ބައެއް ފަރާތްތަކުން ފައިސާ ނުދެއްކުން ކަމަށެވެ.

Ad
rt

ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓުތައް އެކަށީގެންވާ ވަރަށް މަރާމާތު ނުކުރެވޭ ކަމަށް ވެސް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މި ސަބަބުތަކާހުރެ ވެމްކޯއިން މާލޭ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން 1 އެޕްރީލް 2023 އިން ފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދި ދީފައިވާ ކަަމަށެވެ.

އެހެންކަމުން އަންނަ މަހުން ފެށިގެން ކުނީގެ ބިލު ހިމަނާނީ ކަރަންޓު ބިލުގެ ތެރޭގައެވެ.

ކުނި މެނޭޖުކުރުމަށް ވެމްކޯއަށް ދިމާވާ ގޮންޖެހުންތައް ހައްލުވާނީ ފައިސާ ލިބިގެން ކަމަށާއި މާލޭ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ވެމްކޯއަށް ފައިސާ ދައްކަނީ 20،000 ގޭބީސީއަކުން ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.