އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވައިލައިފިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ނެރުއްވި ބަޔާނުގައި ބުނީ މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އުފާފާޅުކުރުން ކަމަށެވެ. އަދި އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ހައްލު ހޯދަން މަސައްކަތްކުރުން ކަމަށެވެ.
"ހާއްސަކޮށް މިކަމުގައި އެހެން އަންހެނުން ބައިވެރި ނުވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. މިއަދު އަންހެނުން އެހެން އަންހެނުންނަށް ދޭން އޮތް އެންމެ މުހިއްމު އެއް މެސެޖަކީ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށާއި، އެކަކަށް ލިބޭ ކުރިއެރުމަކީ އަނެކާއަށްވެސް ލިބޭ ކުރިއެރުން ކަމަށް ދެކި، އެކަކު ކުރިއަރުވައިގެން އަނެކާ ކުރިއެރުމަށް އަޒުމް ކަނޑައެޅުން." ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް އޮންލައިން ޕްލެޓްފޯރމް ތައް ބޭނުން ކޮށްގެން ފުރައްސާރަކޮށް، ހަނގާކުރުން ވެފައިމިވަނީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ހަމަމިއާއެކު ސޯޝަލް މީޑިއާ ނުވަތަ މީސްމީޑިއާއަކީ އޭގެ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، ބިނާކުރަނިވި ޚިޔާލު ފާޅުކޮށް، ރަގަޅު މަޝްވަރާތަކެއް ކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އެންމެ ގިނަމީހުންނަށް، އެންމެ އަވަހަށް، މަޢުލޫމާތު ފޯރުކޮށްދެވޭނެ އެއް ޕްލެޓްފޯރމް ކަމަށާއި އެހެންކަމުން މިއަދު ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކަމަށް ބުނެފައި ވެއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާއި ގުޅޭގޮތުން ބުނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ބޭނުން މިކުރަނީ ”އެމްބްރޭސް އިކުއިޓީ”. “އިކުއޭލިޓީ” ނުވަތަ ހަމަހަމަކަމާ “އިކުއިޓީ” އާއި ހުރި ތަފާތު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އިކުއިޓީ މިބަސް ބޭނުން މިކުރެވެނީ ހަމަހަމަކަން ހޯދުމަށް އިތުރަށް ކުރަންޖެހޭ ކަންކަމަށް ކަމަށާއި އެއީ ހުރިހާ އެންމެންވެސް ލަނޑުދަނޑިއެއް ހާސިލް ކުރަން މަސައްކަތް ފަށައިގަންނައިރު، އެންމެން ތިބެނީ އެއްހަމައެއްގައި ނޫންކަން ދެނެގަނެ އެ ލަނޑުދަނޑި ހާސިލްކުރުމަށް ކޮންމެ މީހަކަށްވެސް ވަކިވަކިން ދޭންޖެހޭ އެހީތެރިކަންދިނުން ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ޤައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ތަޢުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މިރާއްޖޭގައި ޤާއިމްކުރެވިފައިއޮތް އެއްދާއިރާ ކަމަށާއި މިދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުން ކަމަށެވެ.
އެހެންނަމަވެސް އެހެން ދާއިރާތަކަށް ބަލާއިރު، ހާއްސަކޮށް ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް މިއުޅެނީ ވަރަށް ފަހަތުގައިކަން ފާހަގަކޮށްފައި ވެއެވެ.
ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އޮންނަކަމަށާއި އެހެންނަމަވެސް އެޤާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެންނަކަން އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
"މިސާލަކަށް ބަލާއިރު، އިންތިހާބުތަކަށް ކުރިމަތިލުމުގައި އެއް ފުރުސަތުތަކެއް އެންމެންނަށްވެސް ޤާނޫނީ ގޮތުން އެބަލިބޭ. ނަމަވެސް ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 4 އަންހެނުން. އަދި ކައުންސިލްތަކުގެ އިންތިހާބުތަކުންވެސް 2021 ވަނަ އަހަރުގެ ކުރިން ފެނިގެން ދިޔައީ ހަމަ މިމަންޒަރު." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ކެބިނެޓްގައާއި، ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބި އަންހެނުންގެ އަދަދު އިތުރުވެއްޖެކަން ފާހަގަކުރައްވައި، މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކުރެވިއްޖެކަން ވަނީ ފާހަގަކޮށްފައެވެ
މީގެ އިތުރުން އަލަށް ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށް ވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެވިގެންދިޔަ ކަމަށާއި ހާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 ޕަސަންޓުގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއްގެނުވައިދިން ބަދަލެއްކަމަށް ބުނެފައި ވެއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހު އ.ދ. ގެ ޝިއާރު ކަމުގައިވާ، “ޑިޖިޓްއޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އިކުއޭލިޓީ” ގެ ބޭނުމަކަށް މިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިންނާއި ޒަރިއްޔާއިން އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަންހެނުންނަށް ކުރާ ފުރައްސާރައާއި، ދޭ އަނިޔާ އާއި، ކުރިމަތިކުރުވާ ގޮންޖެހުންތަކާ ގުޅޭގޮތުން މީހުން ހޭލުން ތެރިކުރުވާ، މިމައްސަލަތަކަށް ހައްލު ހޯދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!