ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރަން ޖެހުމުގެ ސަބަބުން އޭނާއަށް ދެން މި ސީޒަންގެ ބާކީ އޮތްބައިގައި ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ.

ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީއާއި ލިލް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނޭމާއަށް އަނިޔާވެ އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ.

Ad
rt

އުމުރުން 31 އަހަރުގެ ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެ ފާއިތުވި އަހަރުތަކުގައި ވެސް އޭނާ ވަނީ އެކި ފަހަރުމަތިން ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިފައެވެ. މިފަހަރު ނޭމާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރުމަށް ފަހު ނޭމާ އަލުން ކުޅުމުގެ ތެރެއައް އަންނަން ތިން ހަތަރު މަސް ވަރު ހޭދަވާނެ ކަމަށް އެ ކުލަބުން ވަނީ ލަފާކޮށްފައެވެ.

އާންމުކޮށް ވެސް ގިނަ އަނިޔާގެ މައްސަލަތަކާއި ކުރިމަތިވަމުން އަންނަ ނޭމާއަށް ނިމިދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އަނިޔާވެ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅުނު ފަހު މެޗުތަކުގައި ނުކުޅެއެވެ.

މީގެއިތުރުން ކަނާތުފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން 2019 ވަނަ އަހަރުގެ ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް ނޭމާ ނުކުޅެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ވެސް ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެ އެކިފަހަރު މަތިން އޭނާ ވަނީ ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިފައެވެ.

މި ސީޒަންގައި ފްރާންސް ލީގުގައި ނޭމާ ވަނީ ކުޅުނު މެޗުތަކުގައި 13 ލަނޑުޖަހައި 10 ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.

ނޭމާއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު، މި ހަފްތާ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ބަޔާންގެ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ ބަޔާން މިއުނިކާއި ދެކޮޅަށެވެ. މި ދެ ޓީމް ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބަޔާންއެވެ. ވުމާއެކު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކުރިއަށް ދިޔުމަށް މޮޅުވުން މަޖުބޫރު މެޗުގައި ނޭމާއަށް ނުކުޅެވުމަކީ އެ ޓީމަށް ދިމާވާނެ ގޮންޖެހުމެކެވެ.