މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގެ ޒޯން 1 ގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފިއެވެ.

ޒޯން 1 ގެ ފައިނަލު މެޗު މިރޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނުއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ހދ.އަތޮޅުގެ ޗެމްޕިއަން ނައިވާދޫއާއި ށ.އަތޮޅުގެ ރަނަރަޕް ކަނޑިތީމެވެ. ފައިނަލް މެޗު ނައިވާދޫއިން ކާމިޔާބު ކޮށްފައި ވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހާފައި ވަނީ ނައިވާދޫންނެވެ. ފުރަތަމަ ލަނޑު އަބްދުﷲ ވިޝާމް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ނައިވާދޫއިން ދެ ލަނޑުގެ ލީޑެއް ނެގިތާ ކުޑައިރުކޮޅެއް ފަހުން ކަނޑިތީމުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކަނޑިތީމަށް ކާމިޔާބު ކޮށްދީފައި ވަނީ ތައުފީޤެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިވާދޫގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ވިޝާމްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-1 ގެ ނަތީޖާއިން ނައިވާދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ނައިވާދޫގެ ވިޝާމް ވަނީ ލަނޑުޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ނައިވާދޫގެ ހަތަރުވަނަ ލަނޑަށް ފަހު ކަނޑިތީމްގެ ނިމާލް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ނައިވާދޫގެ އަސްލަމާއި ޝާއްޕެގެ ލަނޑުތަކުން އެ ޓީމް އަނެއްކާ ވެސް ފަރަގު ބޮޑުކޮށް މެޗުން ވަނީ މޮޅުވެފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނައިވާދޫ ޓީމްގެ ޖޯޒީ ނަމްބަރު 9، އަބްދުﷲ ވިޝާމް އެވެ. މީގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ ވިޝާމް އެވެ. އޭނާ ވަނީ މުބާރާތުގައި ފަސް ލަނޑު ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫގެ ޖޯޒީ ނަމްބަރު 97، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.