ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަންނަވާނީ ޤަޠަރަށެވެ.

Ad
rt

އެ ޤައުމަށް ވަޑައިގެން އެޤައުމުގެ ވެރިރަށް ދޯހާގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޤަޠަރަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ސާބިއާ އަށެވެ. އެ ޤައުމަށް ވަޑައިގެން ރާއްޖެއާއި އެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖަރުމަނު ވިލާތަށެވެ. އެ ޤައުމަށް ވަޑައިގެން އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ހާމަކުރައްވާފައެވެ.

ރައީސް އެންމެފަހުން ބޭރު ޤައުމަކަށް ވަޑައިގަތީ ސިންގަޕޫރަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ 20 އިން 26 އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެކެވެ.