ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން އެކެއްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަށް ކާމިޔާބުކޮށް ހދ.ނައިވާދޫއާއި ށ.ކަނޑިތީމް ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ނައިވާދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި ށ.އަތޮޅުގެ ޗެމްޕިއަން ފޯކައިދޫ 4-0 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.

Ad
rt

މި މެޗުގައި ނައިވާދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ އަހުމަދު ހަމީދު (އައްމަޑޭ)، ޔާމީން މުހައްމަދު (ޔާންޓެ)، އަބްދުﷲ ވިސާމް (ވިސާންޓެ)ގެ އިތުރުން އިސްމާއިލް ވަހީދު އެވެ.

މުބާރާތުގެ ފައިނަލުން ކަނޑިތީމް ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްގެންނެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކަނޑިތީމުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދީފައި ވަނީ އިބްރާހިމް ނަދާދު (ކުޑައްޓޭ)އެވެ. ނޭކިރެންދޫގެ ލަނޑު ޖަހައިދީފައި ވަނީ މުޙައްމަދު ވިލްފް އެވެ.

ނައިވާދޫއާއި ކަނޑިތީމް ބައްދަލުކުރާ ޒޯން އެކެއްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 20:00 ގައި ރެހެންދި ފުޓްސަލް ދަނޑުގައެވެ.