މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރެވިގެން ދިޔުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދައުލަތުން އެ ޒިންމާއާއި ހަވާލުވުމުގެ ކުރީން ދަރިންނަށް ކިޔަވައިދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަމުން އައީ ރައްޔިތުން އަމިއްލައަށް ކަމަށާއި، ތާރީޚުން އެކަން ފެންނާން އޮތްކަމަށް ވިދާޅުވެފައެވެ. އަދި ދަރިންނަށް ކިޔަވައިދިނުމަކީ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ކަނޑައެޅިފައި އޮތް ދުސްތޫރީ ވާޖިބެއް ކަމަށް ވެސް ވިދާޅުވިއެވެ.
''ޢިލްމު އުނގެނުމަކީ ކޮންމެ ދަރިވަރަކަށް ލިބިގެންވާ ޙައްޤެއް. މައިންބަފައިންނާއި، ދައުލަތުން ވެސް އެ ޙައްޤު ހޯދައިދޭންޖެހޭނީ، އެއްވެސް ކުއްޖަކާ މެދު ތަފާތުކުރުމެއް ނުގެންގުޅެ، އަދި އެއްވެސް ކުއްޖަކު ބާކީވެސް ނުކޮށް،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، ޤާނޫނުއަސާސީގައި ހުރި މި ޙައްޤުތަކުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ ކަމަށާއި، ޤާނޫނުއަސާސީގެ ހަމަ އެ މާއްދާގައި ވަރަށް މަތިވެރި މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް ވެސް އެބަހުރި ކަމަށެވެ. އެއީ، ކިޔަވައިދެއްވާ ޓީޗަރުންނާއި ބެލެނިވެރިންވެސް އަދާކުރަންޖެހޭ ޒިންމާތަކެއްކަން ފާހަގަކުރައްވަމުން އެ ހުރިހާ ޒިންމާތަކުން ޙާޞިލުކުރެވޭނެ ނަތީޖާއަކީ، އެންމެންގެ އުފަލާއި ހިތްހަމަޖެހުމާއި، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމްވުން ކަމަށް ވިދާޅުވިއެވެ.
ކުދިންނަށް ކިޔަވައިދިނުމުގެ ޒިންމާ ދައުލަތުގެ ފަރާތުން އުފުލާއިރު، އެކަމުގެ ޙަޤީޤީ ނަތީޖާ ޙާޞިލުކުރެވޭނީ، ޙައްޤުތައް ލިބުމަށް އެދޭ މިންވަރަށް، ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ވެސް ދަރިން ހާނުވައިގެން ކަމަށާއި، މުޅި ތަޢުލީމީ މަންހަޖު ބިނާކޮށްފައި އޮތީ އެ މަގަށާއި އަދި ވަށައިޖެހޭ ތަޢުލީމީ ނިޒާމެއްގެ އަމާޒަކީ ވެސް އެއީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް. އެއީ އިންސާނީ ޙައްޤުތައް ނަގަހައްޓައި، އަނެކުންނަށް އިޙްތިރާމް ކުރާ ޒުވާނެއް. އަމިއްލަ ފައިމައްޗަށް ދިރިއުޅުން ބިނާކޮށް، ޤައުމުގެ ތަރައްޤީގައި ބައިވެރިވާ މަސައްކަތްތެރިއެއް. ޢާއިލާ ބަލަހައްޓާނެ އޯގާތެރިއެއް. ކުރުކޮށް ދަންނަވާނަމަ، ސްކޫލެއްގެ ދައުރަކީ ދިރިއުޅެން ދަސްކޮށްދިނުން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، މި ނަތީޖާ ނެރެވޭނީ ކިޔަވައިދޭ މުއައްސަސާތަކާއި، ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން ގުޅިގެން، އެއް ވާނެއްގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކުދިން ސްކޫލްތަކަށް ފޮނުވައިގެން ކިޔަވައިދޭއިރު، އެ ކުދިން އުނގެނޭ ޢިލްމުގެ ތަރުބަވީ ސިފަތަކުގެ ނަމޫނާއަކަށް، ޓީޗަރުންނާއި ބެލެނިވެރިން ވާންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
''ޒިންމާދާރު ޒުވާނުން އަދި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނީ، މި ދެބައި އެކުއެކީގައި ކުރިއަށް ގެންގޮސްގެން. މިއީ ދަރިވަރުން ވެސް އަދި ބެލެނިވެރިންނާއި ޓީޗަރުން ވެސް ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!