އެހެން އަހަރުތަކޭކޭވެސް އެއްފަދައިން މިއަހަރުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ފިއްލަދޫ ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްދާ ފިއްލަދޫ ހޮލިޑޭ ކަޕްގެ ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކުގެ ކުޅުން ނިންމާލައިފިއެވެ.

ފަހު ދެމެޗްގެ ކުޅުން މިއަދު ނިމުނުއިރު ހެނދުނުގެ މެޗްގައި އެފްސީ ލެޖެންޑްސް އަދި ފޮލޯމީ ބައްދަލުކޮށް އެފްސީ ލެޖެންޑްސްއިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗްގެ ދެގޯލްވެސް ކާމިޔާބުކޮށްދިން އަބްދުﷲ ޝިފާއު ހާޝިމްއެވެ.

Ad
rt

މިއަދު ހަވީރު ކުޅުނު މެޗްގައި ޑީޖޭ އަމިކޯ އަދި ޑެޒްލިން ރޯވާސް ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށް ޑީޖޭ އަމިކޯވަނީ ހަތަރުމެޗުން ޖުމްލަ ނުވަ ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑީޖޭ އަމިކޯގެ އަލީ އަފްރާހްއެވެ.

މުބާރާތުގެ ފޯމެޓް ހަމަޖެހިފާވާ ގޮތަށް ބަލާއިރު ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅުމަށްފަހު ތާވަލްގެ އެއްވަނަ ހޯދާ ޓީމް ފައިނަލަށް ދާގޮތަށެވެ. އަދި ތާވަލްގެ ދެވަނަ އަދި ތިންވަނަ ޓީމްގެ މެދުގައި ސެމީފައިނަލް މެޗް ކުޅުމަށްފަހު މޮޅުވާ ޓީމް ފައިނަލަށްދާގޮތަށެވެ. މިއަދުގެ މެޗުން ޑީޖޭ އަމިކޯ ހޯދި މޮޅާއިއެކު ތާވަލުގެ އެއްވަނަ ހޯދާ ފައިނަލްގެ ފުރަތަމަ ޖާގަ ވަނީ ކަށަވަރުކޮށްފައެވެ.

ޑީޖޭ އަމިކޯއިން ތާވަލްގެ އެއްވަނަ ހޯދާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައި ވާއިރު ތާވަލްގެ ދެވަނަ އެންމެ ފަހުގެ ޗެމްޕިއަން ޑެޒްލިން ރޯވާސް ހޯދާފައިވަނީ ޖުމްލަ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނަ އެފްސީ ލެޖެންޑްސް ހޯދާފައިވަނީ ހަ ޕޮއިންޓާއި އެކުއެވެ. ހަތަރު ޕޮއިންޓާއި އެކު ހަތަރުވަނަ ފޮލޯމީ އަށް ލިބިފައިވާއިރު ތާވަލްގެ ފުލުގައި އޮތް އެފްސީ ގޫޕްސްއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މާދަމާ މި މުބާރާތުގެ ސެމީ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ތާވަލްގެ ދެވަނައިގައި އޮތް ޑެޒްލިން ރޯވާސް އަދި ތިންވަނައިގައި އޮތް އެފްސީ ލެޖެންޑްސްއެވެ. މިމެޗްއިން މޮޅުވާ ޓީމެއް ފައިނަލްގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ޑީޖޭ އަމިކޯއާއެވެ.

މިއަހަރުގެ ފިއްލަދޫ ހޮލިޑޭ ކަޕްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ކޯސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީ، ޖީއެމްއައިޒެޑްއެލް ގެ އަދި ކޫލް ޓެމްޕް މޯލްޑިވްސް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ "ތިލަދުން" އެވެ.