ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމް ރައީސް ޞާލިޙާއި ބައްދަލު ކުރައްވަން ރައީސް އޮފީހަށް ވަޑައިގަތީ މިއަދު ހެނދުނު 11:00 ގައެވެ. މި ބައްދަލުވުމަކީ ރައީސްގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ad
rt

ޤާސިމް ރައީސް އާއި ބައްދަލު ކުރައްވަން ވަޑައިގަތީ އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރު ރައީސް، ރައީސް ޞާލިޙް، އައު ދައުރަކަށް އައު އިއްތިހާދަކަށް ދިޔުމަށް މިހާރު ވެރިކަން ހިންގާ އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ.

ޤާސިމް ލީޑަރުކަން ކުރައްވާ ޖޭޕީގެ ކޮންފަރެންސް މިދިޔަ މަހުގެ 24 އިން 26 އަށް މާލޭ ދަރުބާރުގޭގައި ވަނީ ބާއްވާފައެވެ. އެ ކޮންފަރެންސްގައި ވަނީ ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ. މީގެ އިތުރުން އެ ކޮންފަރެންސްގެ މެޖޯރިޓީ މަންދޫބުން ވަނީ ޖޭޕީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންކަމަށްބުނެ ޝުއޫރު ފާޅުކޮށްފައެވެ.

ރައީސް ޞާލިޙާއެކު އައު ދައުރަކަށް މަސައްކަތް ކުރުމަށް ޖޭޕީން މިހާތަނަށް ގޮތެއް ނިންމާފައިނުވާއިރު، އިއްތިހާދުގައި ހިމެނޭ އަދާލަތުން ވަނީ ރައީސާއެކު އައު ދައުރަކަށް މަސައްކަތް ކުރުމަށް ނިންމާފައެވެ. އަދި އެމްއާރުއެމްއިން ވެސް ވަނީ މަޝްވަރާތައް ފަށާފައެވެ.