އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެމްޕިއަންޝިޕްގެ ބްރިސްޓޮލް ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ.
ރޭ ބްރިސްޓޮލް ސިޓީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މިއީ ބްރިސްޓޮލް ސިޓީ މި އަހަރު ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމް އެންމެ ފަހުން ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު ވެސްޓްބްރޯމް އަތުންނެވެ. އެއަށްފަހު ސިޓީއާއި ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމް ކުޅުނު 12 މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ.
ފަހަކަށް އައިސް ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމުގައި އުންދަގޫތަށް ކުރިމަތިވެފައިވާ ފިލް ފޮޑެން މި މެޗުގައި ވަނީ ތަފާތު ދައްކާފައެވެ. އެގޮތުން މެޗުގައި ސިޓީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައި ވަނީ ފޮޑެންއެވެ.
މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި މަހްރޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފޮޑެން ކާމިޔާބުކުރި އިރު ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި އަލްވަރޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ފޮޑެންއެވެ. ސިޓީއަށް ތިންވަނަ ލަނޑު ޖަހައިދީފައި ވަނީ އެ ޓީމްގެ ޕްލޭމޭކަރ ކެވިން ޑި ބްރޭނާއެވެ.
އެފްއޭ ކަޕް ފަސްވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު ބްރައިޓަން އިން ވަނީ 1-0 ގެ ނަތީޖާއިން ސްޓޯކް ސިޓީ ބަލިކޮށްފައެވެ. ޗެމްޕިއަންޝިޕްގެ ބްލެކްބާން ރޯވާސް އަތުން 2-1 ގެ ނަތީޖާއިން ބަލިވެ ލެސްޓާ ސިޓީ ވަނީ ކަޓާފައެވެ. ފުލަމްއިން 2-0 ގެ ނަތީޖާއިން ވަނީ ލީޑްސް ބަލިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!