ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، އިންޓަ މިލާނުން ޕޯޓޯ ބަލިކޮށްފިއެވެ.
ރޭ ލައިޕްޒިގެ ގެ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ސިޓީންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މަހްރޭޒްއެވެ. މި މެޗުގައި ލައިޕްޒިގުން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 70 ވަނަ މިނެޓުގައެވެ. މި ލަނޑު ހަލްސްޓެންބާގް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގްވާޑިއޯލްއެވެ.
މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހު 15 ގައި ސިޓީގެ ދަނޑުގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ކުއާޓާގެ ޖާގަ ލިބޭނެއެވެ.
ރޭ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި އިންޓަ މިލާނާއި ޕޯޓޯ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިންޓައިންނެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ލުކާކޫއެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޕޯޓޯގެ އޮޓާވިއޯއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުން މެޗުގެ ފަހު ބާރަ ވަރަކަށް މިނެޓް އެ ޓީމުން ކުޅެފައި ވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ ޕޯޓޯގެ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ މަހުގެ 15 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!