ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސައޫދީ ސަރުކާރުން 1000 ކޯޓާ މިއަހަރު ދެއްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، 1444 ވަނަ އަހަރު ދިވެހި ރާއްޖެއިން ޙައްޖަށް ގެންދިއުމަށްޓަކައި ކޯޓާ އެއްބަސްވުމުގައި ދެ ޤައުމު މިނިސްޓަރުން މިހާރު ވަނީ ސޮއިކުރައްވާފައެވެ.
''އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ގެންދަވަނީ ކުރައްވަމުން'' އިސްލާމިކް މިނިސްޓްރީން ވިދާޅުވެފަވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވާ ގޮތުގައި 1444 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ފުރުސަތު ދެއްވާނެއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް 1000 ކޯޓާ ލިބިފައިމިވަނީ ކޯވިޑް-19އާއި ގުޅިގެން ޤައުމުތަކަށް ސަޢޫދީ ސަރުކާރުން ޙައްޖު ކޯޓާ ދޫކުރާ އަދަދު މަދުކުރުމަށް ފަހުއެވެ.
2022 ވަނަ އަހަރު ދިވެހިރާއްޖެއަށް ދީފައި ވަނީ 453 ކޯޓާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!